ރައީސް އިބުރާހިމް މުހައްމަދު ސާލިހަށް ކުރައްވަމުން ގެންދެވި ތާއީދު އަބުރާ ގެންގޮސް، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުއްލަތީފް ނަޝީދަށް ތާއިދު ކުރައްވަން ނިންމަވައިފިއެވެ.
ނަޝީދަށް ތާއީދު ކުރައްވަން ނިންމެވިކަން އިއުލާންކޮށް ޔާސިރު ކުރެއްވި ޓުވީޓެއައި އޭނާ ވިދާޅުވީ ފާއިތުވެދިޔަ 4 އަހަރު ސަރުކާރަށް ހުރިހާވެސް އެއްބާރު ލެއްވުމެއް ދެއްވި ކަމަށާއި، އެހެންނަމަވެސް ކުޅުދުއްފުށީގައި ހިނގަމުންދާ މަޝްރޫޢުތައް ކުރިޔަށް ދަނީ މާލަސްކޮށް ކަމަށެވެ.
Last 4 years, I've given all the support that government needed. But, I have seen extremely slow execution of projects at Kulhudhuffushi.@MohamedNasheed has my full endorsement as the MDP's candidate for president in 2023, & I've withdrawn my support for @ibusolih in the primary pic.twitter.com/iadcONdqYW
— Yasir Abdul Latheef (@YasirLathyf) January 6, 2023
އޭނާ ވިދާޅުވީ، އެހެންކަމުން ރައީސް ސާލިހަށް ކުރައްވަމުން ގެންދެވި ތާއީދު އަނބުރާ ގެންގޮސް، ނަޝީދަށް ތާއީދުކުރައްވަން ނިންމެވީ ކަމުގައެވެ.
މެމްބަރު ޔާސިރަކީ، އެމްޑީޕީގެ ފާއިތުވެދިޔަ ޗެއަރޕާސަން އިންތިޚާބުގައިވެސް ރައީސް ސާލިހު ފެކްޝަނަށް ތާއީދު ކުރެއްވި މެމްބަރެކެވެ. އަދި ރައީސް ސާލިހު ފެކްޝަންގައި ހުންނަވާ، އޭނާވަނީ ރައީސް ސާލިހުގެ ޕްރައިމަރީ ކެމްޕޭންގައި ބައެއް ޖަގަހަ ޖަލްސާތަކުގައިވެސް ބައިވެރިވެ ވާހަކަވެސް ދައްކަވާފައެވެ.
މިހާރު ކުރިޔަށްދާ އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި، އެމްޑީޕީގެ ގިނަ މަޖިލިސް މެމްބަރުންނާއި ގައުމީ މަޖިލިސްގެ ގިނަ މެމްބަރުންވެސް ތާއީދު ކުރަމުންދަނީ ރައީސް ސާލިހަށެވެ. އެހެންނަމެވެސް ޕްރައިމަރީ ކެމްޕޭންގައި ވަކި ކެނޑިޑޭޓަކަށް ތާއީދު ކުރާކަން ހާމަ ނުކުރާ ބައެއް މެމްބަރުންވެސް އަދިވެސް އެމްޑިޕީގެ ޕީޖީގައި ތިބިކަން ފާހަގަ ކޮށްލެވެއެވެ.
ޖެނުއަރީ 28، ގައި ބާއްވާ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ 57،000 މެމްބަރުންނަށް ވޯޓުލެވޭނެއެވެ. މިއީ މިފަހުން ޕާޓީގެ އެތެރޭގެ އިންތިހާބެއް މިހާ ވާދަވެރިކޮށް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. މިއީ ރިޔާސީ ޕްރައިމަރީއެއްގައި ރައީސް ސޯލިހު ވާދަ ކުރައްވާ ފުރަތަމަ ފަހަރެވެ. ރައީސް ނަޝީދު މީގެ ކުރިން ދެ ފަހަރަކު ވާދަ ކުރެއްވިއެވެ.