އިނގިރޭސި ރަސްގެފާން ކިންގ ޗާލްސްއަށްފަހު ދެން ރަސްކަމަަށް ވަޑައިގަންނަވާނެ، މިހާރުގެ ވަލީއަހުދު ޕްރިންސް ވިލިއަމް އޭނާގެ ކޮއްކޮ ޕްރިންސް ހެރީގެ ގައިގައި ތަޅައިގަތްކަމަށް އޭނާގެ ބައޮގްރަފީގައި ޕްރިންސް ހެރީ ބުނެފައިވާކަމަށް ދަ ގާޑިއަން ނޫހުން ރިޕޯޓު ކޮށްފިއެވެ.
ދަ ގާޑިއަން ނޫހުން ރިޕޯޓު ކޮށްފައިވަ ގޮތުގައި، ޕްރިންސް ހެރީގެ ބައޮގްރަފީ ފޮތުގައި ވާގޮތުން، ދެ ބެއިންގެ މެދުގައި ޒުވާބު ހިނގާފައިވަނީ ޕްރިންސް ހެރީގެ އަނބިކަބަލުން މޭގަންއާއި ގުޅުންހުރި މައްސަލައެއްގައެވެ.
"އޭނާ އަހަރެންގެ ގަމީހުގެ ކަރުގެ ފޮތިގަޑުގައި ހިފާ، އަހަރެންގެ ކަރުގައި އޮތް ފަށް ކުދިކުދި ކޮށް، އަހަރެން ބިންމައްޗަށް ވައްޓާލި،" ހެރީ ވިދާޅުވެފައި ވާކަމަށް ދަ ގާޑިއަން ނޫހުގައި ރިޕޯޓު ކޮށްފައި ވެއެވެ.
ދަ ގާޑިއަން ނޫހުގެ މިރިޕޯޓާއި ގުޅިގެން ދޭނެ އެއްވެސް ކޮމެންޓެއް ނެތްކަމަށް ކެންސިންޓަން ޕެލަސްއިން ވަނީ ބުނެފައެވެ.
ދަ ގާޑިއަން ނޫހުގެ މި ރިޕޯޓާއި ގުޅޭގޮތުން، އިނގިރޭސި ރަސްގެފާނާއި ގުޅުންހުރި ހުރިހާކަމެއް ބެލެހެއްޓުމުގެ ޒިންމާއާއި ހަވަލުވެފައިވާ ބަކިންހަމް ޕެލަސްއިންވެސް އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ޕްރިންސް ހެރީގެ މި ބައޮގްރަފީ އަންނަ އަންގާރަ ދުވަހުގެ ކުރިން އާންމު ނުކުރާނެ ކަމަށް ވެއެވެ. އެހެންނަމަވެސް ދަ ގާޑިއަންއިން ބުނެފައިވަނީ އެ ނޫހަށް މި ފޮތުގެ ކޮޕީއެއް ލިބިފައިވަނީ "ޕްރީ ލޯންޗް ސެކިއުރިޓީގެ އުސޫލު"ގެ ދަށުން ކަމުގައެވެ.
ދަ ގާޑިއަންއިން ބުނެފައިވާ ގޮތުގައި، ޕްރިންސް ވިލިއަންއާއި ޕްރިންސް ހެރީއާއި ދެބޭންގެ މެދުގައި އުފެދު ހަމަނުޖެހުމެއް އުފެދިފައިވަނީ، 2019ވަނަ އަހަރު ލަންޑަނުގައި ހުންނަ ޕްރިންސް ހެރީގޭގައި ތިއްބައެވެ.
ޕްރިންސް ހެރީ މި ފޮތުގައި ބުނެފައިވާ ގޮތުގައި، އޭނާގެ ބޭބެ ހިންހަމަ ނުޖެހުނީ އޭނާ މޭގަން މާކަލްއައި ކައިވެނީގެ ގޮތުން ގުޅުމުންނެވެ. އަދި ޕްރިންސް ވިލިއަމް މޭގަމް ސިފަ ކޮށްފައިވަނީ، "ހަރުކަށި"، "އެހެންމީހުން އިހުސާސްތައް ނުދަންނަ" މީހެއްގެ ގޮތުގައި ކަމަށްވެސް ޕްރިންސް ހެރީ ވިދާޅުވެފައި ވެއެވެ.
މި ފޮތުގައި ޕްރިންސް ވިލިއަމްވަނީ ދެމީހުގެ މެދުގައި ހިގި ދެބަސްވުމާއި އަދި އޭގެ ފަހުން އޭނާގެ ބޭބެ އޭނާގެ ގައިގައި ތަޅައިގަތް ގޮތުގެ ތަފްސީލްތައް ކިޔައިދީފައެވެ.
"އޭނާ ފެންތަށި ބެހެއްޓުމަށްފަހު، އަހަރެންނަށް މުޚާތަބް ކުރީ ވަނަމަކުން، ދެން އަހަރެންނާއި ދިމާލަށް އައީ. ހުރިހާކަމެއް ހިގައިދިޔައީ ވަރަށް އަވަހަށް، ކުޑަ ވަގުތު ކޮޅެއްގެ ތެރޭ.
"އޭނާ އަހަރެންގެ ގަމީހުގެ ގިރުވާނުގައި ހިފާ، އަހަރެންގެ ކަރުގައި އޮތް ފަށް ކުދިކުދި ކޮށް، އަހަރެން ބިންމައްޗަށް ވައްޓާލީ."
"އަހަރެން ވެއްޓުނީ ކުއްތާއަށް ފެން އަޅާ ތަށިމައްޗަށް. އެތަށި އޭނާ ތަޅާލީ އަހަރެންގެ ބުރަކަށި މައްޗަށް. އަހަރެން ވެއްޓުނުގޮތަށް ބޮލަށް އެނބުރުން އަރާފައި އިރުކޮޅަކަށް އޮންނަ ޖެހުނު. ދެން ތެދުވެ އަހަރެން އޭނާއަށް އެންގިން ގެއިން ނިކުތުމަށް."
ދަ ގާޑިއަންގައި މިވާހަކަ ރިޕޯޓު ކުރި ނޫސްވެރިޔާ، މާޓިން ޕެންގެލީ ބުނެފައިވާ ގޮތުގައި މި ވާހަކަ ރިޕޯޓު ކުރުމުގެ ކުރިން އޭނާ ޕްރިންސް ވިލިއަމްސްގެ ކޮމިއުނިކޭޝަން ޓީމާ ވާހަކަ ދައްކާފައެއް ނުވެއެވެ. ރިޕޯޓަރު ބުނެފައިވާ ގޮތުގައި މިވާހަކަ އޭނާ ރިޕޯޓު ކޮށްފައިވަނީ ޕްރިންސް ހެރީގެ ފޮތުގައި އޭނާ އެވާހަކަ ގެނެސްދީފައިވާ ގޮތަށެވެ.


