ޤައުމީ މަސްލަޙަތާ ގުޅުންހުރި ގިނަ ކަންކަން އެމްޑީޕީ ޕްރައިމެރީގެ ފަހަތުގައި އެބަހުރި: ހޯމް މިނިސްޓަރ

ޤައުމީ މަސްލަޙަތާ ގުޅުންހުރި ގިނަ ކަންކަން އެމްޑީޕީ ޕްރައިމެރީގެ ފަހަތުގައި އެބަހުރި: ހޯމް މިނިސްޓަރ

Author
ޢަލީ އާދަމް
05 ޖެނުއަރީ 2023 01:55
0

ޤައުމީ މަސްލަޙަތާ ގުޅުންހުރި ގިނަ ކަންކަން އެމްޑީޕީ ޕްރައިމެރީގެ ފަހަރުގައި އެބަހުރިކަމަށާ، އެމްޑީޕީގެ މެމްބަރުން އެކަމާމެދު ފުންކޮށް ވިސްނުމަކީ މުހިންމުކަމެއްކަމަށް ހޯމް މިނިސްޓަރ އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ "އަޅުގަނޑުމެންނާ ސީދާ ގުޅުން ނެތަސް، ޤައުމީ މަސްލަޙަތާ ގުޅުންހުރި ގިނަ ކަންކަން ޕްރައިމެރީގެ ފަހަތުގައި އެބަހުރި."ކަމަށެވެ. އޭނާ ވިދާޅުވީ ޢަދާލަތު ޕާޓީގެ ރައީސްގެ ޙައިސިއްޔަތުން ވިދާޅުވި އެއްޗެއްކަމަށް ބެލެވެއެވެ. މިއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކަށްވާތީ އެހެން ޕާޓީތަކުގެ މީހުންނާއި އެމްޑީޕީއަށް ނިސްބަތްނުވާ މީހުން ޕްރައިމެރީގެ ކަންކަމާ ބެހި ހެދުމަކީ އެމްޑީޕީގެ ބައެއް އިސް ބޭފުޅުންވެސް ހިތްހަމަ ނުޖެހޭކަމެކެވެ.

އެމްޑީޕީގެ މެމްބަރުން ސަމާލުވުމަށް ހޯމް މިނިސްޓަރ ވިދާޅުވީ، އެވިދާޅުވާ ޤައުމީ މަސްލަޙަތާ ގުޅުންހުރި ކަންކަމަކީ ކޮބައިކަން ވިދާޅެއް ނުވެއެވެ.

ހޯމް މިިނިސްޓަރ އިމްރާން ޢަބްދުﷲ އަކީ އަބަދުވެސް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާ އިދިކޮޅު ބޭފުޅެކެވެ. އަދި ނަޝީދަށް ތާޢީދުނުކުރުމަށާއި، ނަޝީދަކީ ލާދީނީ ބޭފުޅެއްކަމަށް ވިދާޅުވެ މީގެކުރިން އެތައް ފަހަރަކު އިމްރާންވަނީ ވާހަަކަފުޅުދައްކަވާފައެވެ. އަދި 2012ވަނަ އަހަރުގެ ފެބްރުރީ 7ވަނަ ދުވަހު ނަޝީދުގެ ވެރިކަން ވެއްޓުމަށް މެދުވެރި އިދިކޮޅު ސިޔާސީ ޙަރަކާތްތަކުގައިވެސް އިމްރާން އިސް ދައުރެއް އަދާކުރެއްވިއެވެ.

އެމްޑީޕީގެ ދެވަނަ ވެރިކަން 2018ގައި ފެށުނުފަހުން އިމްރާން ސީދާގޮތެއްގައި ނަޝީދަށް ފާޑުވިދާޅުވެފައެއް ނުވެއެވެ. އަދި ޢަދާލަތު ޕާޓީގެ އޮފީހަށް ނަޝީދު ވަޑައިގެންނެވުމުން އިމްރާންވަނީ އެއޮފީހުގައި ނަޝީދަށް ހޫނު މަރުޙަބާއެއްވެސް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.