އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމް 20،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމުގައި އެޕާޓީން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަން އިން އެ ޕާޓީ ޖޫރިމަނާ ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާ ކަމަށް ބުނެއެވެ. މިކަމާއިމެދު ކަންބޮޑުވުން ފާޅުކޮށް އެމްއާރުއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއާރުއެމް ރަޖިސްޓްރީ ކޮށްފައިވަނީ 20 ނޮވެމްބަރ 2019 ގައިކަމަށެވެ. އެގޮތުން، 2019 ވަނަ އަހަރުގެ 42 ދުވަހުގެ ހިސާބު 2020 ވަނަ އަހަރުގެ ހިސާބާއި އެއްކޮށް ހުށަހެޅުމުގެ ހުއްދަ އަށް އިލެކްޝަންސް ކޮމިޝަންގައި ވާނީ އެދިފައިކަމަށެވެ.
އެމްއާރްއެމް އިން ބުނީ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހެޅުމަށް އެ ގާނޫނުން ފަސްކުރެވިފައި ވީހިނދު، އެމްއާރްއެމް އިން 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު، 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ އެކު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުގެ ކުރިން، 31 މާރިޗު 2021 ގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށެވެ.
އެހެން ނަމަވެސް، އެ ޕާޓީން 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަނާޅާ ކަމަށް ބުނެ، ޖޫރިމަނާކުރި ކަމަށް އަންގާ، 29 ޑިސެމްބަރ 2022 ގައި ފޮނުއްވާފައިވާ ސިޓީ އާއި އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް ޓުވިޓާގެ ޒަރީއްޔާއިން ސޯޝަލްމީޑިއާއަށް މިކަން ހާމާކުރައްވާފައިވާ ޓުވީޓަކީ އިލެކްޝަންސް ކޮމިޝަނުން ކަންކަން ބައްލަވަންޖެހޭ މިންވަރަށް ނުބައްލަވާ ކޮށްފައިވާ ކަމެއް ކަމަށް އެމްއާރްއެމްއިން ބުންޏެވެ.
މިޕާޓީ ވިހި ހާސް (20،000) ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށްވެސް މިޕާޓީން ދެކެން. އަދި އިލެކްޝަންސް ކޮމިޝަން ގެ ނިންމުން މުރާޖާ ކޮށްދެއްވުމަށް މިޕާޓީން ގޮވާލަން.
– އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.
ހަމަ އެހެންމެ، 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުވެސް ޤާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން ވާނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިކަމަށާއި، އަދި 2022 ވަނަ އަހަރުގެ އޮޑިޓްގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް އެމް.އާރް.އެމްއިން ވަނީ ބުނެފައެވެ.