މިއީ ރައްޔިތުން ކަންކަމާއި މެދު ފުންކޮށް ވިސްނައި، ޤައުމީ މަސްލަހަތުގައި ނިންމުން ނިންމަންވީ އަހަރު ކަމުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އިން ބުނެފިއެވެ.
އެޕާޓީން މިހެން ބުނެފައިވަނީ މިފެށުނު މީލާދީ އައުއަހަރާ ގުޅިގެން، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ތަހުނިޔާ ދަންނަވައި ފޮނުވި މެސެޖުގައެވެ. އެމްއާރުއެމްއަކީ ސަރުކާރު ކޯލިޝަންގައި އޮތް ނަމަވެސް ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑު ވިދާޅުވާ، ބަސްބުނަންޖެހޭ ވަގުތު ބަސް ބުނަމުންދާ ޕާޓީއެއްކަން ފާހަގަކޮށްލެވެއެވެ.
އެމްއާރުއެމްއިން ވަނީ މި ފެށުނު 2023 ވަނަ މީލާދީ އާ އަހަރުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް، ތަޙުނިޔާއާއި ހެޔޮއެދުންތައް އަރިސްކޮށްފައެވެ. އަދި އެކުވެރި ދަޢުލަތްތަކާއި ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށްވެސް އާއަހަރުގެ ތަޙުނިޔާ ދަންނަވާފައެވެ.
2023 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މުހިންމު އަހަރަކަށް ވެގެން ދާނެ އަހަރެއް. އެގޮތުން ހުރިހާ ރައްޔިތުންވެސް ކަންކަމާއި މެދުގައި ވަރަށް ފުންކޮށް ވިސްނަވައި، ނިންމުންތައް ނިންމެވުމުގައި ޤައުމުގެ މަސްލަޙަތު އިސްކުރެއްވުމަށް އިލްތިމާސްކުރަން. އަދި ޒިންމާދާރުކަމާއެކީ އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރުމަށް އަޒުމް ކަނޑައެޅުމަށް ގޮވާލަން.
– އެމްއާރުއެމްއިން ބުނެފައިވެއެވެ.
މި ފެށުނު 2023 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް، ބާއްޖަވެރި އުފާވެރި އަހަރެއް ކަމުގައި ލައްވައި، އިސްލާމްދީނުގެ މަތިވެރި ޙިދާޔަތުގައި ސާބިތުކަމާއެކު ދެމިތިބުމުގެ ހެޔޮ ތަޢުފީޤު މިންވަރު ކުރެއްވުމަށް އެދި އެޕާޓީން ވަނީ ދުޢާކޮށްފައެވެ.
ކޮމެންޓު ފޮނުވާ