ކާމިޔާބު ބަތަލާ ޔޫއެންއެޗުސީއާރުގެ އެމްބެސެޑަރެއްގެ މަގާމުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރުމަށް ފަހު، އެންޖެލީނާ ޖޯލީ ރެފިއުޖީ އެންވޯއިގެ ރޯލް ރަސްމީކޮށް ދޫކޮށްލައިފި އެވެ.
އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ އެމެރިކާގެ ބަތަލާ އެންޖެލީނާ އދގެ ރެފިއުޖީ އޭޖެންސީއާ ވަކިވީ ގިނަ އަހަރު މަސައްކަތްކުރުމަށް ފަހު އެވެ. ދެން މަސައްކަތް ކުރަން ގަސްތު ކުރާނީ ކޮން ބަޔަކާ އެކު ކަމެއް ޖޯލީ ނުބުނެ އެވެ.
އދއާ އެކު ނެރުނު ބަޔާނެއްގައި އެންޖެލީނާ ބުނީ މިހާރަށް ވުރެ ފުޅާދާއިރާއެއްގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދީ އަދި އިންސާނީ ހައްގުތަކުގެ މައްސަލަތަކުގައި މިހާރަށް ވުރެ ބޮޑަށް އެހީވާން ބޭނުންވާ ކަމަށެވެ.
އެހެންވެ ކުރިއަށް އޮތް އަހަރުތަކުގައިވެސް ރެފިއުޖީންނަށާއި ގެދޮރު ގެއްލިފައި ނުވަތަ ގެދޮރުން ބޭރުކޮށްލާފައިވާ މީހުންނަށް އެހީވުމުގެ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ. އޭނާ ވަނީ ހިތްދަތިކަމުގެ ވާހަކަތަކާއި އުއްމީދާއި ކެތްތެރިކަމުގެ ވާހަކަތަކަށް ހެކިދިނުމަށް 60 އަށް ވުރެ ގިނަ ފީލްޑް މިޝަންތައް ކުރިއަށް ގެންގޮސް ކެނޑިނޭޅި މަސައްކަތް ކޮށްފަ އެވެ.
"އަހަރެން ދެން މަސައްކަތް ކުރާނީ ހަމަނުޖެހުންތަކުގެ އަސަރު ސީދާ ކުރާ މީހުން އިސްކޮށް ހަރަކާތްތެރިވާ ޖަމިއްޔާތަކާ އެކު، އެ މީހުންނަށް އެންމެ ބޮޑު އެއްބާރުލުމެއް ދިނުމުގެ ގޮތުން."
އދއާ އެކު އެންޖެލީނާ މަސައްކަތްކުރަން ފެށީ 2001 ވަނަ އަހަރު އެވެ. އަދި ސްޕެޝަލް އެންވޯއީގެ ގޮތުގައި އައްޔަނުކޮށްފައިވަނީ 2012 ވަނަ އަހަރު އެވެ. ފާއިތުވި މަސްތަކުގައި އޭނާ ވަނީ ހަނގުރާމައިގެ ހާލަތު ގޯސްވެފައިވާ ޔޫކްރެއިން، ޔަމަން އަދި ބުރްކީނާ ފާސޯގައި ގެދޮރު ގެއްލިފައިވާ މީހުންނާ ބައްދަލުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ