ޔާމީން މިނިވަންކުރަން ގޮވާލައި ޕީޕީއެމްގެ ޤަރާރެއް

ޔާމީން މިނިވަންކުރަން ގޮވާލައި ޕީޕީއެމްގެ ޤަރާރެއް

Author
ޢަލީ އާދަމް
29 ޑިސެމްބަރ 2022 09:52
0

ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ދަށުކޯޓުން އިއްވާފައިވާ ޙުކުމް ބާޠިލްކޮށް، ވަގުތުން މިނިވަންކުރަން ގޮވާލައި ޤަރާރެއް ހުށަހަޅައިފިއެވެ.

މި ޤަރާރު ހުށަހަޅާފައިވަނީ ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖޮއިންޓު ސެނެޓުގެ ބައްދަލުވުމަށެވެ.

މި ޤަރާރުގައި ވަނީ ރައީސް ޔާމީން ޖަލަށްލާފައިވަނީ އެމަނިކުފދާނުގެ ޖާނީ ދުޝްމަނެއް މެދުވެރިކޮށް ފާސިޤު ހެކި އުފައްދައިގެންކަމަށެވެ. އެހެންކަމުން ކްރިމިނަލްކޯޓުން އިއްވި 11 އަހަރުގެ ޖަލުހުކުމް އިދިކޮޅު ކޯލިޝަނުން ބަލައި ނުގަންނަކަމަށާ، އެޙުކުމް ބާޠިލްކޮށް ޔާމީނަށް ދެމުންދާ އަނިޔާ ހުއްޓާލަން ގޮވާލާކަމަށެވެ.

މީގެއިތުރުން ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒުފޯރުވާކަމަށާ، އޭގެ ސަބަބުން ކޯޓުތަކަށް ރައްޔިތުންކުރާ އިތުބާރު ގެއްލިފައިވާކަމަށާ، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަމާއި ފަސާދަ ޢާންމުވެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި ސަރުކާރުގެ އިތުބާރު ގެއްލިފައިވާކަމަށްވެސް އިދިކޮޅު ކޯލިޝަންގެ ޤަރާރުގައި ތުހުމަތުކޮށްފައިވެއެވެ.

އަދި ޤާނޫނު އަސާސީގެ 27ވަނަ މާއްދާއިން ލިބިދޭ ޚިޔަލުފާޅުކުރުުމުގެ މިނިވަންކަމާއި 29ވަނަ މާއްދާގެ ދަށުން ލިބިދޭ ނޫސްވެރިކަމުގެ މިނިވަންކަންވެސް ސަރުކާރުން "ޙިޞާރު"ކޮށްފައިވާކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ.

މީގެއިތުރުން މިޤަރާރުގައިވަނީ ރައީސް ޞާލިޙް އިސްތިއުފާދެއްވުމަށްވެސް ގޮވާލާފައެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި ޤަރާރަށް ބައެއް އިސްލާޙު ހުށަހަޅާފައިވާކަމަށާ، އިސްލާޙުތަކާއެކު ފަހުން މީޑިއާތަކާ ޙިއްސާކުރާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.