އުޅަނދުފަހަރު ފުންކުރުމުގެ ގަރާރު ބޭރުކޮށްލުމަކީ އޮޑިވެރިންގެ މޫނުގައި ޖެހި ތަފާލެއް: ކާނަލް ނާޒިމް

އުޅަނދުފަހަރު ފުންކުރުމުގެ ގަރާރު ބޭރުކޮށްލުމަކީ އޮޑިވެރިންގެ މޫނުގައި ޖެހި ތަފާލެއް: ކާނަލް ނާޒިމް

Author
މުޙައްމަދު ޖިމީ
23 ނޮވެމްބަރ 2020 04:43
0

ފަރަށް އަރާ ކަނޑު އުޅަނދުފަހަރު ފުންކުރުމުގެ އަމަލީ މަސައްކަތް ކުރާނެ އިދާރާއެއް އުފެއްދުމާއިބެހޭ ގަރާރު އެމްޑީޕީގެ މެޖޯރިޓީ އޮވެ މަޖިލީހުން މިއަދު ބޭރުކޮށްލުމަކީ އޮޑިވެރިންގެ މޫނުގައި ޖެހި ތަފާލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވެފައިވަނީ އެގަރާރު މިއަދު މަޖިލީހުން ފާސްނުކުރެއްވުމާއި ގުލިގެން ކުރެއްވި ޓްވީޓެއްގައެވެ. ނާޒިމްގެ ގަރާރު ފާސްކުރުމަށް ފެންނަކމަށް ވޯޓު ދެއްވާފައިވަނީ 7 މެންބަރުންނެވެ. ފާސްކުރަން ނުފެންނަކަމަށް 54 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ނާޒިމްއަކީވެސް ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.

ނާޒިމް ހުށައަޅުއްވާފައިވާ ގަރާރުގެ މަޤްޞަދުގައި ބުނެފައިވަނީ މަސްދޯނިފަހަރާއި، މީހުންނާއި މުދާއުފުލާ އުޅަނދުފަހަރާއި، ޓޫރިސްޓުންއުފުލާ އުޅަނދުފަހަރާއި، އޮޔާދާ އުޅަނދުފަހަރާއި، ބޭރުދަތުރުކުރާ އުޅަނދުފަހަރު، ފަރަށް އެރުމުން، އެ އުޅަނދު ފުންކުރުމުގައި އަމަލީގޮތުން މަސައްކަތްކޮށްދޭނެ ދައުލަތުގެ އިދާރާއެއް ނެތުމުން އުފެދޭ ތަކުލީފުތައް، ސަރުކާރުގެ ސަމާލުކަމާއި އެފަދަ އިދާރާއެއް ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ހުރުމުގެ މުހިންމުކަން ފާހަގަކުރުމުގެ މަޤްޞަދުގައެވެ.

ނާޒިމްގެ ގަރާރުގައި މަސްދޯނިފަހަރާއި، މީހުންނާއި މުދާއުފުލާ އުޅަނދުފަހަރާއި، ޓޫރިސްޓުން އުފުލާ އުޅަނދުފަހަރާއި، އޮޔާދާ އުޅަނދުފަހަރާއި، އަދި ބޭރުދަތުރުކުރާ އުޅަނދުފަހަރު، ފަރަށް އެރުމަކީ، ކަނޑުދަތުރުގެ މައްޗަށް ބޮޑުކޮށް ބަރޯސާކުރާ ދިވެހިރާއްޖޭގައި އާންމުކޮށްދިމާވާކަމެއްކަމަށް ބުނެފައިވެއެވެ. ޙާދިސާއެއް ދިމާވުމުން، އެއުޅަނދެއްގެ ވެރިފަރާތަށް، އެތައް ބުރައެއް އުފުލަންޖެހެކަމަށާއި، އެއްކަމަކީ، ފުންކޮށްދޭނެ ފަރާތެއް ވޭތޯ ބެލުމެވެ. އަދި އެ ހާދިސާގައި ތާށިވެފައިވާ އުޅަނދު ފުންކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދައި، އެކަންކުރުމަށް ބޭނުންވާ ތަކެއްޗާއި ވަސީލަތް އެއްތަން ކޮށްދިނުންކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން އެފަދަ ތަކެތި ހޯދުމަށާއި، އެކަންކޮށްދޭ މީހުންނަށް ވަގުތުން އަގުއަދާކުރުންވެސް މި ގަރާރުގައިވެއެވެ. އަދި އެއުޅަނދު ފަރަށްއެރުމުން ދިމާވި ގެއްލުމުގެ ޝިކާރައަކަށްވެ، އެހާތަނަށް ލިބެމުންއައި އާމްދަނީ ހުއްޓުމަކަށްއައިސް، އެއާމްދަނީ ނެތިދިޔުމެވެ. އަދި، އެއާމްދަނީގެ މައްޗަށް ބިނާވެފައިވާ އެތައް އާއިލާއެއްގެ ދިރިއުޅުމާއި، އެ އާމްދަނީއަށް ބަރޯސާވެ ކުރަމުންއައި އެންމެހައި ކަމަކަށް ކުއްލި ނިމުމަކަށްއައުންކަމަށްވެސް މި ގަރާރުގައިވެއެވެ.

ނާޒިމްގެ ގަރާރުގައި ވަނީ އެފަދަ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށްގެނައުމަށާއި، އެ މައްސަލައަށް ޙައްލެއް ހޯއްދެވުމަށް މަސައްކަތްކޮށްދެއްވުމަށް ގޮވާލާފައެވެ. މި ގަރާރުގެ ބަހުސް މަރުހަލާގައިވެސް ބައެއް މެންބަރުން މިގަރާރަށް ފަޑުވިދާޅުވެފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.