މިސަރުކާރުގެ ހަތަރުއަހަރު ފާއިތުވި އިރުވެސް ކޮރަޕްޝަނާއި ދެކޮޅަށް އެދެވޭ މަސައްކަތެއް ކުރެވުނުތަނެއް ނުފެންނަ ކަމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްއިން ބުނެފިއެވެ.
ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބާތުގައި އެމްއާރުއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައިނަލްއަޤްވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަމުން ދާއިރު، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަކީ އިޚުލާސްތެރި މަސައްކަތްތަކަކަށް ހަދަން ވަނީ ޖެހިފައިކަމަށެވެ.
ކޮރަޕްޝަން ހުއްޓުވުމަކީ ރައްޔިތުން އެކަމަށް އެދޭތީ، ނުވަތަ ޤާނޫނެއް އޮތަތީ އެކަނި ކުރާ ކަމަކަށްވުރެ، އިޚުލާސްތެރިކަމާއިއެކު، ޤައުމުގެ ކުރިއެރުމަށާއި ރައްޔިތުންގެ ލާބައަށް ކުރަންޖެހޭ ކަމެއްކަމަށް އެމްއާރުއެމްއިން ބުނެފައިވެއެވެ. މިހިނގާ ރިޔާސީ ދައުރާ އެމްއާރުއެމްވެސް ހިމެނޭ ކޯލިޝަނުން ކުރިމަތިލީ ދައުލަތުގެ ހުރިހާ ވަޞީލަތްތަކާއި ބާރުތައް ވަކި މީހެއްގެ މުށުތެރޭގައި ގެންގުޅެމުން ދަނިކޮށް، އެކަން ބަދަލުކޮށް، ދެފުށްފެންނަ ސަރުކާރެއް ޤާއިމްކޮށްދިނުމަށް ވަޢުދުވެގެން ކަމަށާއި، ޚާއްސަކޮށް ކޮރަޕްޝަން ހުއްޓުވައި، ކުރިން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތައް ތަޙުޤީޤުކޮށް، ޒިންމާވަންޖެހޭ ފަރާތްތައް ޒިންމާ ކުރުވުމަށް ކަމަށް ވަނީ ބުނެފައެވެ.
އެޕާޓީން ބުނީ އޭރު ސަރުކާރާއި ދެބަސްވާ ކޮންމެ ރަށު ކައުންސިލެއް އެކުއެކީގައި ސަސްޕެންޑްކޮށް، ދިވެހި ރައްޔިތުން ބަލައިގަތް ލާމަރުކަޒީ ނިޒާމު ދިޔައީ ފުނޑާލަމުން ކަމަށެވެ. ސަރުކާރުން ހޯދަންޖެހޭ ކޮންމެ ޚިދުމަތެއް ހޯދުމަށް 'ހަދިޔާ ދޭންޖެހޭ' ސަގާފަތެއް ވަނީ އުފައްދާފައިކަމަށެވެ. އަމިއްލަ ހަރުމުދާހެން ރާއްޖޭގެ ރަށްރަށުގެ 'ވަގު ޑީލްތަކުން' ބަޔަކު ދިޔައީ މިލިއަން ޑޮލަރުން ނަފާ ހޯދަމުން ކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.
މިހާރު މި އޮތް ކޯލިޝަން ސަރުކާރަށް ރައްޔިތުން ކުރި އިތުބާރަކީ ކޮރަޕްޝަންގެ އެ ޢަމަލުތައް ބަލައި، އެކަމުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންދާނެކަމަށް ޔަޤީން ކުރެވިގެން ކުރިއިތުބާރުކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް، 4 އަހަރު ފާއިތުވެގެން ދިޔައިރުވެސް ފެންނަނީ، އެ އަމާޒަށް ވާސިލުވުމަށްޓަކައި މަސައްކަތް ކުރަން ފެއްޓުނު ތަން އެކަނިކަމަށް ވަނީ ބުނެފައެވެ.
ހިތާމަޔާ އެކު ފާހަގަ ކުރަން ޖެހެނީ އެކަން ކުރިޔަށް ދާތަން ނުފެންނަކަން. އެހެންކަމުން ރައްޔިތުން އެދެމުންދާ ގޮތަށް ދެފުށްފެންނަ، ކޮރަޕްޝަނާއި ދެކޮޅު ނިޒާމުތަކެއް ޤާއިމްކުރުމަށް އަދިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ. މިއަދު ދައުލަތުގެ މުއައްސަސާ ތަކުން ޤަބޫލުކުރަންޖެހޭ ކަމަކީ ކޮރަޕްޝަނަކީ ހަމައެކަނި ފައިސާގެ މުޢާމަލާތްތަކެއް ނޫންކަން. މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ނިހާޔަތަށް ގިނަ.
– އެމްއާރުއެމް އިން ބުނެފައިވެއެވެ.
ސަރުކާރުގެ އިސް ފަރާތެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނުވަތަ ނުފޫޒުގަދަ އެހެން ފަރާތެއްގެ 'އެހީ' އާއި ނުލައި މިއަދުވެސް އާސަންދަ އާއި އެންސްޕާގެ ޚިދުމަތްފަދަ ޚިދުމަތްތައް ކަށަވަރުކުރަން ދަތިކަން ރައްޔިތުން ޤަބޫލުކުރާކަމަށް މިބަޔާނުގައި ބުނެފައިވެއެވެ. ބޯހިޔާވަހިކަމާއި، ވަޒީފާއާއި އަސާސީ ޚިދުމަތްތަކަކީ ވަކި މީހަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ބާރު ލިބިގެން ނޫނީ ނުކުރެވޭނެ ކަމެއް ކަމަށް ރައްޔިތުންނަށް ވިސްނައިދޭ ބަޔަކު އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިއްބިކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ.
ތިން ބާރު ވަކިވެ، މިނިވަން މުއައްސަސާތަކަކާއި ޒިންމާތަކެއް ހަވާލުކުރެވިފައިވާއިރު، އެއިން ކޮންމެ ބާރަކަށްވެސް އަދި ކޮންމެ މުއައްސަސާއަކަށްވެސް އެކި ފަރާތްތަކުން އެކި މިންވަރަށް ނުފޫޒު ފޯރުވަމުންދާކަމީ ސިއްރެއް ނޫންކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ. ސަރުކާރު ހިންގުމާއި، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ނިޒާމާއި، މިނިވަން މުއައްސަސާތަކުގައި ތިބި އެކި ފަރާތްތަކުން ފާޅުގައި އެކި ފަހަރުމަތިން އެ ތުޙުމަތުތައް ވަނީ ކޮށްފައެވެ.
ބާރާއި ނުފޫޒުން ހިންގާ، ނުވަތަ ހިންގުމަށް މުޖުތަމަޢު އާދަވެފައިވާ މިފަދަ ކޮންމެ ޢަމަލަކީ ކޮރަޕްޝަންގެ ޢަމަލެއްކަން ރައްޔިތުންނަށް ވިސްނައިދީ އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް، ކޮރަޕްޝަންގެ އެކި ޢަމަލުތައް ހިންގުމުގައި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންދިއުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހަވާލުވެފައިވާ ޒިންމާއަށްވާއިރު، އެކަމުގައި ފަހަތުފަޔަށް ބަރުނުވެ މަސައްކަތް ކުރުމަށް އެމްއާރުއެމްއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
އެމް.އާރް.އެމްއިން ބުނެފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ކޮރަޕްޝަން ހުއްޓުވުމަށް ކުރަން ނިންމާފައިވާ މަސައްކަތްތައް، އިޚުލާސްތެރިކަމާއިއެކު ވީ އެންމެ އަވަހަކަށް ތަންފީޒުވެގެން ދިއުމަކީ އެޕާޓީން ދެކޭގޮތްކަމަށެވެ.
މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ “ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން” ކަމަށާއި، ސަރުކާރުގެ ކޮންމެ މަޤާމެއްގައި ހުރި މީހަކު ނަމަވެސް ކޮރަޕްޝަންގެ ޢަމަލެއް ހިންގުމަށް ފުރުޞަތު ނުދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކި ފަހަރުމަތިން ދެއްވާފައިވާއިރު، އެކަން އެންމެ ފުރިހަމައަށް ކުރުމަށް ސަރުކާރު ކޯލިޝަންގެ ބައިވެރިއެއްގެ ޙައިސިއްޔަތުން އެ ޕާޓީގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވާކަމަށް މިބަޔާނުގައި ވަނީ ބުނެފައެވެ.