އަމީނީ މަގު ނިންމަން 24 ގަޑިއިރު މަސައްކަތް ކުރަންވެސް ތައްޔާރު: އާރުޑީސީ

އަމީނީ މަގު ނިންމަން 24 ގަޑިއިރު މަސައްކަތް ކުރަންވެސް ތައްޔާރު: އާރުޑީސީ

Author
މުޙައްމަދު ޝަޒައިމް
22 ނޮވެމްބަރ 2022 06:49
0

މާލޭގެ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ނިންމަން 24 ގަޑިއިރު މަސައްކަތް ކުރަން ޖެހުނަސް، އެ ކަމަށް ތައްޔާރަށް އޮތް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ބުނެފިއެވެ.

އަމީނީ މަގުގެ މަސައްކަތް ހުއްޓިފައި އޮތް ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އާރްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ މަގުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު އެ ކޯޕަރޭޝަނާއި ހަވާލު ކުރެވުނު ދުވަހުން ފެށިގެން އެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޕްލޭން ކޮށްފައިވާ ގޮތަށް ކަމަށެވެ.

އެހެންކަމުން އަމީނީ މަގުގައި ތާރު ނާޅައި އެމަގުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ މަސައްކަތުގެ ޕްލޭން އޮޅޭ ގޮތަށް ހަގީގަތާއި ހިލާފަށް ދެކެވޭ ވާހަތަކެއް ކަމަށާއި ނަމަވެސް އެ މަސައްކަތް މި ވަގުތު ވަނީ މަޑު ޖައްސާލާފައި ކަމަށް އާރްޑީސީއިން ބުނެއެވެ.

ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކޮށްގެން މި ސަރުކާރުން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް ލަސްވާ ކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކާ ގުޅިގެން އާރުޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން އެ ހަދަނީ އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެގެން ކަމަށެވެ.

އަމީނީމަގުގެ މަސައްކަތް 24 ގަޑިއިރު ކުރިއަށް ގެންދަން ޖެހުނު ނަމަވެސް، އެ މަސައްކަތް ކުރެވޭނެ ގޮތްތައް ވަނީ ރޭވިފައެވެ.

– ބަޔާނުގައި ބުނެފައިވެއެވެ.

އާރްޑީސީއިން ބުނީ އަމީނީ މަގުގެ ސެގްމަންޓް އެއްގައި ތާރު އެޅުންފިޔަވައި އެހެން ހުރިހާ މަސައްކަތެއް ވަނީ ނިމިފައި ކަމަށެވެ. އަމީނީ މަގުގައި ތާރު އެޅުމަށް ނިންމާފައިވަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ. އެ ކޯޕަރޭޝަނުން ބުނީ ތާރު އަޅަން ނުފެށި ނަމަވެސް އެހެނިހެން މަސައްކަތް ނިމޭވަރަކުން އެ ސަރަހައްދުތަކަށް ވެހިކަލްތަކަށް ވަދެވޭ ގޮތަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރީ މި އަހަރު ޖުލައި މަހު ތިނެއްގައެވެ. މިދިޔަ އޮގަސްޓް މަހު 30 ގައި އަމަލީ މަސައްކަތް ފެށި އެ މަގުގައި ތާރު އަޅައި ނިންމަން ދިނީ 10 މަސް ދުވަހުގެ މުއްދަތެކެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރާ އެ މަޝްރޫއުގެ ދަށުން އަމީނީ މަގުގައި 1.7 ކިލޯމީޓަރުގެ ތާރު އަޅައި، ފެން ހިންދާ ނިޒާމެއް ވެސް ގާއިމު ކުރާނެއެވެ. އަމީނީ މަގުގެ މަސައްކަތް އާރުޑީސީން ކުރަމުންދާ ސްޕީޑަށް ބަލާއިރު ގިނަ ބައެއްގެ ކަންބޮޑުވުން އެބައޮތެވެ. ޚާއްސަކޮށް ގިނަ ދުވަސް ތަކެއްވަނެދެން މަގުގެ ބައެއް ބަންދުކޮށްފައި އޮތުމަކީ ކަންބޮޑުވުމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.