’އައިޓަމް ސޯންގް' ކުޅެގެން މަޝަހޫރުކަން ހޯދައިފާއިވާ ބޮލީވުޑްގެ ތަރި މަލައިކާ އަރޯރާ ގެ ރިއަލިޓީ ޝޯއެއް އަންނަ މަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމައިފި އެވެ.
ކަރަން ޖޯހަރު ގެނެސްދޭ ޓޯކް ޝޯވ "ކޮފީ ވިތް ކަރަން" ގެ 7 ވަނަ ސީޒަނަށްފަހު، އަންނަ މަހުގެ 5 ގައި ޕްރީމިއާކުރަން ނިންމާފައިވާ މި ޝޯވގައި މަލައިކާގެ ހަޔާތުގައި ހިނގާފައި އަދި ހިނގަމުންދާ ކަންތައްތަކާއި ބެހޭގޮތުން ވާހަކަ ދައްކާނެއެވެ.
ބަނިޖޭ އޭޝިއާ އިން ޕްރޮޑިއުސްކުރާ މި ޝޯވގައި ގެސްޓް އެޕިއަރެންސްގެ ގޮތުގައި މަލައިކާގެ އާއިލާގެ މީހުންނާއި ރައްޓެހިންވެސް ފެންނާނެއެވެ. މީގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް މަލައިކާ ބުނީ މި ޝޯގައި އޭނަގެ ހަޔާތާ ބެހޭ ވަރަށް ގިނަ ކަންކަން ވަރަށް ގާތުން އަދި ޒާތީ ވަރަށް ގިނަ ކަންކަން ވެސް ފެނިގެން ދާނެ ކަމަށެވެ.
މަލައިކާގެ ވެބް ޝޯއެއް ގެނެސްދޭން ނިންމިކަން އިއުލާންކޮށްފައި މި ވަނީ އޭނަ އާއި ކޮއްކޮ އަދި ކުރީގެ ބަތަލާ އަމްރިތާ އަރޯރާގެ ލައިސްޓައިލް ދައްކުވައިދޭ ޝޯއެއް "އަރޯރާ ސިސްޓާސް" ގެ ނަމުގައި ގެނެސްދޭން އުޅޭ ކަމަށް ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
މިހާރު އުމުރުން 49 އަހަރުގެ މަލައިކާ އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރުބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ. އެ ދެ މީހުންގެ ކައިވެނި 2017 ގައި ރޫޅައިލި އިރު. ލިބިފައިވާ ދަރިފުޅަކީ މިހާރު އުމުރުން 20 އަހަރުގެ އަރްހާން ޚާނެވެ.
މަލައިކާ އަކީ ސުޕަ މޮޑެލްއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި މީހެކެވެ. އެފަހުން އޭނާ ވަނީ "ދިލް ސޭ" ގެ "ޗައްޔާ ޗައްޔާ" އާއި "ދަބަންގް" ގެ "މުންނީ ބަދުނާމު ހުއީ" ފަދަ ބެލުންތެރިން ނަން ވަރަށް ކަމުދިއަ އަދި އެހާމެ ހިޓް 'އައިޓަމް ސޯންގް' ތަށް ކުޅެފައިއެވެ.