މިސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ ކޮންމެ މަޝްރޫޢަކީ ހަމައެކަނި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢެއް ނޫންކަމަށާ، ތަރައްޤީގެ ކޮންމެ މަޝްރޫޢަކީ ލޮލަށް ފެންނާނެ ކަމެއްވެސް ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިޢުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން ވިދާޅުވީ ތަރައްޤީގެ ކޮންމެ ކަމަކީ ޢުމްރާނީ ވަސީލަތެއްގެގޮތުގައި ލޮލަށް ފެންނަން ހުންނާނެކަންކަން ނޫންކަމަށާ، ލޮލަށް ނުފެންނަ އެތައް ކަމެއްވެސް ތަރައްޤީގެތެރޭގައި ހިމެނޭކަމަށެވެ. އެގޮތުން މުވައްޒަފުންގެ މުސާރައަށް ގެންނަ ހެޔޮބަދަލުތަކާއި މަތީ ތަޢުލީމަށް ކުރާ ހޭދައާއި ފަހިކޮށްދޭ ފުރުސަތުތަކަކީ ޢިމާރާތެއްގެގޮތުގައި ފެންނަން ހުންނާނެ އެއްޗެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިއީ ސީދާ ރައްޔިތުންނަށް އެކަމުގެ މަންފާކުރާނެ މުހިންމު ބޮޑެތި މަޝްރޫޢުތަކުގެގޮތުގައި މިސަރުކާރުން ކުރިއަށްގެންދާ ކަންކަން ކަމުގައި މިއުވާން ވިދާޅުވިއެވެ. މިޢުވާން މިމޭރުމުން ވާހަކަދެއްކެވީ މިސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ނުފެންނަކަމަށް ބުނާ އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ރާއްޖެއަށް ގެންނަ ތަރައްޤީއެއް ނުފެންނަކަމަށް ބުނާ މީހުންނަކީ ރާއްޖޭގެ ރަށްރަށް ދަތުރު ނުކުރާ މީހުންކަމަށާ، ދަތުރުކުރާނަމަ ރަށްރަށުގައި ކުރިއަށްދާ އެތައް ބައިވަރު ތަރައްޤީގެ މަޝްރޫޢުތައް ފެންނާނެކަމަށް މިޢުވާން ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހުގެރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ، މިސަރުކާރުގެ ތަރައްޤީގެ މަޝްރުޢުތަކަކީ ހަމައެކަނި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ނޫންކަމަށެވެ. މިސަރުކާރުން ބޮޑެތި މަޝްރޫޢުތަކުގެ ގޮތުގައި، އިޖުތިމާޢީ ކަންކަމުގެ ތެރެއިން ރައްޔިތުންނާ ގުޅުންހުރި ހުރިހާ ޕްރޮގްރާމްތަކެއްވެސް ހިމެނޭކަމަށް މިޢުވާން ވިދާޅުވިއެވެ. އެހެންކަމުން މިސަރުކާރުން ކުރިއަށްގެންދާ ތަރައްގީއެއް ނުފެނެއޭ ބުނަނީ ރަށްރަށަށް ނުދާތީކަމަށާ، ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ރަނގަޅަށް ހަޤީޤަތް ސާފުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުން ކުރައްވާ މަސައްކަތްތްކާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޚިދުމަތް ރައްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކުން ބަލައިގަންނަކަމަށް މިއުވާން ވިދާޅުވިއެވެ.
One Response
ރައީސް އޮފީހުގެ ތަރުޖަމާނު ވަރަށްސާފްކޮށް އެވިދާޅުވެދެއްވީ މިސަރުކާރުން ހިންގާ ތަރައްގީގެ އެއްވެސް މަސްރޫޢު އެއްނެތްކަމަށާއި އިންސާނެއްގެ ލޮލަށް އެއިން މަޝްރޫޢުއެއް ނުފެންނާނެކަމަށެވެ. ނުކުރާކަމެއް ހަމަގައިމުވެސް މީހެއްގެ ލޮލަކަށް ނުފެންނާނެ. ނަސީބުތާ މިސަރުކާރު އައިއިރު މުޅިރާއްޖޭގައި ޔާމީންގެ ސަރުކާރުން ބިޔަ ބޮޑެތި މަޝްރޫޢުތަކެއް ފަށާފައިހުރިކަން. އެހެންނޫންނަމަ ރިބަންފަށެއްވެސް މިސަރުކާރަކަށް ކަޑާކަށް ނުޖެހުނީސްކަން ކަށަވަރު.