ރައްޔިތުންގެ އަތުން އިތުރަށް ޓެކްސްނެގުމާ ދެކޮޅުކަމަށް އެމްއެންޕީގެ ނާއިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. އުސާމް މިހެން ވިދާޅުވީ، ޓެކްސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި، އެ ބިލަށް ތަޢީދުކޮށް ވީޓު ދީފައި ނުވާތީ،ސަރުކާރުގެ ސިޔާސީ ބައެއް މިހުން ސޯޝަލް މީޑިއާގައި ފާޑުކިޔަމުން ދާތީއެވެ.
ޓެކްސް ބޮޑުކުރުމަށް ނެގި ވޯޓުގައި އެއާއި އެއްކޮޅަށް ވޯޓު ނުލީ މެންބަރުންނަކީ، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ދެކޮޅަށް ވޯޓު ދިން މީހުންކަމަށް ބުނެފައެވެ. މެންބަރު އުޝާމް ވިދާޅުވީ، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ހަޖަމްނުވެގެން އޮޅުވާލުމަށް ޕޯސްޓްތައް ކުރިއަސް ރައްޔިތުންނަށް ހަގީގަތް ވަރަށް ސާފުކަމަށެވެ. ސިޔާސީ މަގާމްތައް އިތުރުކޮށް، ސިޔާސީ ކަންކަން ކުރުމަށް ނިކަމެތި ރައްޔިތުންގެ އަތުން އިތުރަށް ޓެކްސްނެގުމާ ދެކޮޅު. ދެންވެސް ވޯޓްދޭނީ ޖީއެސްޓީ އިތުރުކުރުމާ ދެކޮޅަށްކަމަށް އުޝާމް ވިދާޅުވިއެވެ.
ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް ހަޖަމްނުވެގެން އޮޅުވާލުމަށް ޕޯސްޓްތައް ކުރިއަސް ރައްޔިތުންނަށް ހަގީގަތް ވަރަށް ސާފު. ސިޔާސީ މަގާމްތައް އިތުރުކޮށް، ސިޔާސީ ކަންކަން ކުރުމަށް ނިކަމެތި ރައްޔިތުންގެ އަތުން އިތުރަށް ޓެކްސްނެގުމާ ދެކޮޅު. ދެންވެސް ވޯޓްދޭނީ GST އިތުރުކުރުމާ ދެކޮޅަށް. pic.twitter.com/drPxJZXg9c
— Ahmed Usham (@a_usham) October 31, 2022
މަޖިލިސް ކޮމެޓީން ޓެކްސް ބޮޑުކުރާ ބިލް ފާސްކުރަން ތާއީދު ކުރައްވާފައިވަނީ 50 މެމްބަރެކެވެ. ނުފެންނަކަމަށް 19 މެމްބަރުން ވޯޓު ދެއްވި އެވެ. ބެލެވޭ ގޮތުގައި މި ބިލް މަޖިލީހުން ފާސްކުރުމަށް މާދަމާ ވޯޓަށް އަހާނެއެވެ. މާދަމާގެ ޖަލްސާއިން މި އިސްލާހު ފާސްވެގެން ދިއުމާއެކު، އަންނަ ޖެނުއަރީމަހުން ފެށިގެން ޖީއެސްޓީ %8އަށް ޓީޖީއެސްޓީ %16އަށް ބޮޑުވެގެން ދާނެއެވެ.
ޓެކްސް ބޮޑުކުރުމަށް މިއަދުގެ ކޮމިޓީން ފާސް ކޮށްފައިވާއިރު، މި ކޮމިޓީގައި ނައިފަރު ދާއިރާގެ މެމްބަރުން، ޖީއެސްޓީއާއި ޓީޖީއެސްޓީ މިހާރުވެސް އޮތްވަރަށް ބޭއްވުމަށް އިސްލާހު ހުށަހެޅުއްވިއެވެ. އެހެންނަމަވެސް މިއިސްލާހާއި ދެކޮޅަށް އެމްޑީޕީގެ 56 މެމްބަރުން ވޯޓު ދެއްވާ މި އިސްލާހު ފެއިލް ކޮށްލާފައި ވެއެވެ.
މިއަދުގެ ކޮމިޓީ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވެސް މިބިލަށް ތިން އިސްލާހެއް ހުށަހެޅުއްވިއެވެ. އޭނާ ހުށަހެޅުއްވި ފުރަތަމަ އިސްލާހަކީ ޓީޖީއެސްޓީ %14 އަށް ބޮޑުކޮށް ކުރުމަށެވެ. އެހެންނަމަވެސް މި އިސްލާހަށް 46 މެމްބަރަކު ދެކޮޅު ހެއްދެވިއިރު އޭނާގެ އިސްލާހާ އެއްކޮޅަށް ވޯޓު ދެއްވާފައިވަނީ 15 މެމްބަރެކެވެ. އޭނާގެ ދެވަނަ އިސްލާހުގައި ބުނެފައިވަނީ ގެސްޓްހައުސްތަކުން ނަގާ ޓީޖީއެސްޓީއަށް ބަދަލު ނުނެގައުމަށެވެ. އެ އިސްލާހަށް 19 މެމްބަރަކު ތާއީދު ކުރެއްވިއިރު 44 މެމްބަރުން ވޯޓު ދެއްވާފައިވަނީ އެ އިސްލާހު ފާސް ނުކުރުމަށެވެ.
މި ދެ އިސްލާހުގެ އިތުރުން އޭނާވަނީ ބޮޑުކުރާ ޓެކްސް ނަގާ ތާރީޚު އަންނަ އަހަރުގެ އެޕްރިލްމަހަށް ފަސް ކުރުމަށްވެސް އިސްލާހު ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް 45 މެމްބަރުންގެ ވޯޓުން އެއިސްލާހުވެސް ވަނީ ފެއިލް ކޮށްލާފައެވެ.
ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅުއްވާފައި އިސްލާހަށް އެމްޑީޕީގެ ނަޝީދު ފެކްޝަނަށް ތާއީދުކުރާ މެމްބަރުން ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި ބައެއް މެމްބަރުން ވިދާޅުވެފައިވަނީ ޓެކްސް ބޮޑުކުރުމުގެ ބިލަށް ވޯޓު ދިނުމަށް ނެރެފައިވާ ތްރީލައިން ވިޕާއެއްގޮތަށް ވޯޓު ނުދޭނެ ކަމުގައެވެ.