ގަސް ވިއްކުމުގެ މަސައްކަތް ކުރަމުންދަނީ ޤާނޫނީ އިމުގެ ތެރެއިން: މޭޔަރު

ގަސް ވިއްކުމުގެ މަސައްކަތް ކުރަމުންދަނީ ޤާނޫނީ އިމުގެ ތެރެއިން: މޭޔަރު

ގުޅުންހުރި

މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ "އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން ގަސްތައް ބަލަހައްޓާ ހެއްދުމަށް ކާނިވާ ސަރަޙައްދުގައި ޤާއިމްކުރި "މާލެ ފެހި" އައުޓްލެޓް ކުރިއަށް ގެންދަނީ ނުޤަވާއިދު ވިޔަފާރިއެއް ގޮތުގައި ނޫންކަމަށާއި އެކަން ކުރިއަށް ގެންދަނީ ކައުންސިލްގެ އިމުގެތެރެއިން ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"މާލެ ފެހި" އައުޓްލެޓާއި ގުޅިގެން ދިވެހި ޗެނަލްގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތްކުރުމަށްޓަކައި ކައުންސިލްތަކަށް އާމްދަނީ ހޯދޭނެކަމާއި ހޯދޭނެ ގޮތްތައް ލާމަރުކަޒީ ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާކަމަށާއި، އާމްދަނީ ހޯދުމުގެ ހުއްދަ އަކީ ޤާނޫނުން ކައުންސިލްތަކަށް ދީފައިއޮތް ހުއްދައެއް ކަމަށެވެ.

އެގޮތުން މާލޭގަ ފެހިކުރަންޖެހޭ ސަރަޙައްދުތަކާއި ޕާކުތަކާއި މައިދާންތަކަކީ އަބަދު ބަލަހައްޓަންޖެހޭ ތަންތަން ކަމަށްވީއިރު، މިކަންކަން ކުރުމަށް ސަރުކާރުގެ ބަޖެޓުތެރެއިން ފައިސާއެއް ނުދެއްވޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. މިއާއިއެކު މޭޔަރު ވިދާޅުވީ މި މަސައްކަތަކީ ކައުންސިލަރުންގެ އަމިއްލަ މުއްސަނދި ކަމެއްހޯދަން ފިހާރައެއް ހުޅުވައިގެން އާމްދަނީ ހޯދުމުގެ ގޮތުން ކުރިއަށްގެންދާ ކަމެއް ނޫންކަމަށާއި، މިއީ މާލެ ސިޓީ ކައުންސިލްގެ އިމުގެ ތެރެއިން ކުރިއަށް ގެންދަވާ މަޝްރޫޢުއެއް ކަމަށެވެ.

މިއީ ނުޤަވާއިދު ވިޔަފާރިއެއް ނޫންކަމަށާއި މިކަން ކުރިއަށް ގެންދަނީ ކައުންސިލްގެ އިމުގެތެރެއިން. އަޅުގަނޑުމެންނެއް ނޫޅެން އަޅުގަނޑުމެންގެ ކައުންސިލަރުންގެ އަމިއްލަ މުއްސަނދި ކަމެއްހޯދަން ފިހާރައެއް ހުޅުވައިގެން އާމްދަނީ ހޯދާކަށް.

– މުއިއްޒު ވިދާޅުވިއެވެ.

ކައުންސިލްތަކަށް އާމްދަނީ ހޯދުމަށްޓަކައި ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުންފުނި ހެދުމުގެ ހުއްދައަށް އެދިފައިވާތާ އަހަރަކާއި ގާތްވެފައިވާއިރުވެސް ސަރުކާރުން އެހުއްދަވެސް ދެއްވާފައިނުވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

ދެން ކުންފުނި ހަދަން އުޅުނީމަ އެކަމަށްވެސް ހުއްދައެއް ދެއްވީކީނޫން. އެކަމަށް ޖަވާބެއް ނުދެއްވާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެފައިވާއިރު، ކުރިއަށްދެވޭނެ އެއްވެސް މަގެއްވެސް ފަހިކޮށްދީފައިނުވޭ.

– މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ކައުންސިލުން މި މަސައްކަތް ކުރިއަށް ގެންދަނީ މާލޭގެ ފެހިކަން ޤާއިމްކުރުމަށާއި، މިކަމުގައި ކުރިއަށްދާ ފަރާތްތަކަށްވެސް އެފުރުޞަތު ފަހިވާނެ ގޮތަކަށް ކަމަށެވެ. އަދި މި ކަމުގެ ބޭނުމަކީ އެކަމަށްކުރާ ޚަރަދު އަނބުރާ ލިބި، ކައުންސިލަށްވެސް ފައިދާލިބި އެފައިދާ އަކީ ރައްޔިތުންނަށް އިންވެސްޓްކުރާ އެއްޗަކަށް ހެދުން ކަމުގައި މޭޔަރު ވިދާޅުވިއެވެ.

ކައުންސިލްގެ "މާލެ ފެހި" އައުޓްލެޓް ކުރިއަށް ގެންދިއުން ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރައްވާއިރު، މާލެ ތެރޭގައި ނުޤަވާއިދުން ހިންގާ އެތައް ވިޔަފާރިތަކެއް ހުރިނަމަވެސް އެކަންކަން ހުއްޓުވުމަށް އެއްވެސް ކަމެއްކުރައްވާތަން ފެނިވަޑައިނުގަންނަވާ ކަމުގައި މޭޔަރު ވިދާޅުވިއެވެ. މީގެ އިތުރުން މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ހޯދާ ފައިސާ އަކީ އޭގެން ޓެކްސް ނެގޭނެ އެއްޗެއް ނޫން ކަމަށާއި، "މާލެ ފެހި" އައުޓްލެޓާއި ގުޅިގެން ކައުންސިލް ޖޫރިމަނާ ކުރުމަށް ފޮނުވި ލިޔުމާއިމެދު ޢަމަލުކުރަންޖެހޭ ގޮތާއިމެދު ކައުންސިލްގެ ޤާނޫނީ ޓީމުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ "އެއްލައްކަ ގަސް" ޕްރޮގްރާމަކީ ކުރިއަށްއޮތް 5 އަހަރަށް އެކުލަވާލައިފައިވާ މާލެ ސިޓީކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 2.6 ގައިވާ ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން ކަމާ ބެހޭ ފަންނީ ފަރާތް ތަކުގެ ލަފައާއި މާލެ ސިޓީގެ ރައްޔިތުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢުއެކެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ ނަގަންޖެހޭނެ ނޫންތޯ. އިމްޕޯޓް މުދާ ވިއްކާނަމަ އެކަމަށް ވަކިން ހުއްދައެއް ނަގަންޖެހޭގޮތަށް ގާނޫނު އޮތީ. ވިޔަފާރި ކުރުމަކީ ކޮންމެ މީހަކަށްވެސް ލިބޭ ހައްގެއް. އެކަމަކު ދައުލަތުގެ އިދާރާތަކުން ހުއްދަ ހޯދައިގެން.

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ