އިސްލާމީ ދުނިޔޭގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ދެއްވާ ދަރުސްތަކުގައި ތަގުރީރް ކުރައްވާ މައުޟޫތައް ހާމަކޮށްފިއެވެ.
މުފްތީ މެންކުގެ ޚާއްސަ ތަޤުރީރުތަކެއް މާލޭ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. މުފްތީ އިސްމާއިލް ބިން މޫސާ ނުވަތަ، މުފްތީ މެންކް ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މުފްތީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން މިމަހުގެ 28 އިން 31 އަށް ޚާއްސަ ތަޤުރީރުތަކެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން މިމަހުގެ 28 ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ނަމާދުކޮށްދެއްވާނީ މުފްތީ މެންކެވެ. ހުކުރު ކުރެއްވުމަށްފަހު އެރޭ ފުރަތަމަ ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ މާލޭ އަލިމަސް ކާނިވަލުގައި އެވެ. މިނިސްޓްރީން ބުނީ އެ ދަރުސްގައި ވާހަކަ ދައްކަވާނީ "ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސް" އާއި ގުޅޭގޮތުން ކަމަށެވެ.
އޮކްޓޯބަރު މަހުގެ 29ވަނަ ދުވަހު ފުވައްމުލައް ސިޓީގެ ފުޓުބޯޅަ ސްޓޭޑިއަމްގައި ދަރުސް ދެއްވަން ހަމަޖެހިފައިވަނީ "އިސްލާމްކަމާއި އޯގާތެރިކަން" މި މައުޟޫއަށެވެ. އަދި 30 ވަނަ ދުވަހު އައްޑޫ ސިޓީގެ ސިޓީ ސްކޮޔާގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ "ޕްރޮޑަކްޓިވް މުސްލިމް" މި މައުޟޫއަށެވެ.
މުފްތީ އެންމެފަހު ދަރުސް ދެއްވާނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި މިމަހުގެ 31ވަނަ ދުވަހުއެވެ. އެރޭގެ މައުޟޫއަކީ "އާއިލީ މައްސަލަތައް" ހައްލުކުރާނެ ގޮތެވެ.
ކޮންމެ ދަރުސެއް ވެސް ފެށޭނީ ދަރުސް ބޭއްވުމަށް ހަމަޖެހިފައި އޮންނަ ދުވަހުގެ ރޭގަނޑު 8:45ގައެވެ. އެކަމަކު ދެއްވާ ދަރުސްތަކުގައި އާންމުންަނަށް ސުވާލު ކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރުއެވެ. އަދި 2016 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް ރާއްޖެ ވަޑައިގެން އެކި މައުޞޫއަށް ދީނީ ދަރުސް ދެއްވިއެވެ.
މުފްތީއަކީ ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރައްވައި، އިސްލާމް ދީނާއި ދީނީ ކަންކަމާއި ގުޅޭގޮތުން ދަރުސް ދެއްވަމުން އަންނަ މަޝްހޫރު ދީނީ ޢިލްމުވެރިއެކެވެ. އޭނާ ބޮޑަށް ފާހަގަކުރެވެނީ މުޖުތަމަޢުތަކުގައި ހުރި އިޖްތިމާޢީ ގިނަ މައްސަލަތަކާއި ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވާ އިސްލާމީ ރިވެތި އަޚްލާގު ދަސްކޮށްދެއްވުމަށްޓަކައި ސޯޝަލް މީޑިއާގައިވެސް ޙަރަކާތްތެރި ބޭފުޅެއްގެ ގޮތުގައެވެ.