ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އުފެއްދި މޯލްޑިވްސް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެމް.އާރު.ޑީ.ސީ އުވާލާފައިވަނީ ކުންފުންޏަށް ލިބެންޖެހޭ އެތައް ފައިސާތަކެއް ނުހޯދައި އިޖުރާއަތުތަކާއި ޚިލާފަށް ކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުން ހާމަވެއްޖެއެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އުފައްދަވާފައިވަނީ 2010 ވަނައަހަރު، ސަރުކާރުގެ 100 އިންސައްތަ ޙިއްޞާވާ ކުންފުންޏެއްގެ ގޮތުގައެވެ. އެމްއާރުޑީސީ އުވާލުމުގައި އަމަލުކޮށްފައިވާ ގޮތާއި ގުޅޭގޮތުން އޮޑިޓާރ ޖެނެރަލް ނެރުއްވި ފިނޭންސް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި 2018 ވަނަ އަހަރު ރައީސް އޮފީހުން އެމްއާރުޑީސީ އުވާލަންޖެހުނު ސަބަބުތައް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ކުންފުންޏާއި ހަވާލުކުރި މަޝްރޫޢުތައް އެކަށީގެންވާ ގޮތަށް ކުރިއަށް ނުދިއުމާއި، ބޮޑެތި މަޝްރޫޢުތައް ދިގުލައިގެން ދިއުން ހިމެނެއެވެ. މީގެ އިތުރުން ކުންފުނީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުންވެސް ހިމެނެއެވެ.
މިސަބަބުތަކާއި ގުޅިގެން އެމްއާރުޑީސީ އުވާލުމުގެ މަސައްކަތް ނުވަތަ ލިކިއުޑޭޝަންގެ މަސައްކަތް ކުރުމަށް 2018 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ވަނީ ކުންފުންޏަކާއި ހަވާލުކޮށްފައެވެ. މިއެއްބަސްވުމުގެ ދަށުން އެމްއާރުޑީސީގެ މުދަލާއި ދަރަނި ހިސާބުކޮށް ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދައި، ކުންފުނީގެ މުދާތައް ހިފެހެއްޓުމަށް އެއްބަސްވެފައިވެއެވެ. އަދި ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތަފްސީލް ރިޕޯޓެއްވެސް އެކުލަވާލަންޖެހެއެވެ.
ނަމަވެސް މިމަސައްކަތް ކުރުމަށް ހަވާލުވި ކުންފުނިން އެމްއާރުޑީސީއަށް ލިބެންޖެހޭ ފައިސާގެ ތަފްސީލުތައް ފެންނަ ރިޕޯޓެއް ތައްޔާރު ކޮށްފައިނުވާކަން އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައިވެއެވެ. އަދި 2017 ވަނަ އަހަހަރުގެ ހިސާބުތަކަށް ބަލާއިރު އެކި ފަރާތްތަކުން އެމްއާރުޑީސީއަށް 171.7 މިލިޔަން ރުފިޔާ ލިބެންޖެހޭކަމަށް ރިޕޯޓުގައި ފާހަގަކޮށްފައެވެ. ނަމަވެސް ކުންފުނި އުވާލާފައިވަނީ މިފައިސާ ނުހޯދައިކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެމްއާރުޑީސީ އުވާލުމުގައި އަމަލުކޮށްފައިވާ ގޮތުން ސަރުކާރުގެ ކުންފުންޏެއް އުވާލާއިރު ކަންކުރަންޖެހޭ ގޮތުގެ ލަފައެއް އޮޑިޓާ ޖެނެރަލް ވަނީ މިރިޕޯޓުގައި ދެއްވާފައެވެ. އެގޮތުން ކުންފުންޏަށް ލިބެންޖެހޭ ދަރަނިތައް ރަނގަޅަށް ހިސާބުކޮށް އެކަން ނިންމުމަށްފަހު ނޫނީ ކުންފުނި އުވާނުލުމަށް ވަނީ ލަފާދެއްވާފައެވެ.
ރަށްރަށުގެ މަގުތައް ހަދައި ތަރައްޤީކޮށް މަރާމާތު ކުރުމުގެ މަސައްކަތް ކުރުމުގެ މަޤްސަދުގައި 24 އޯގަސްޓް 2010 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވާފައިވާ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑު ވަނީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ހިންގުން ހުއްޓުމަކަށް ގެނެސް ކުންފުނީގެ މުވައްޒަފުން ސަރުކާރުގެ އެހެނިހެން އިދާރާތަކަށް ބަދަލުކޮށް ކުންފުނީގެ މުދަލާއި ތަކެތި ސަރުކާރުގެ އެކި އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކޮމެންޓު ފޮނުވާ