އައިފޯނުތަކުގެ ހިގުން ގަސްތުގައި ލަސްކުރިކަމަށް އެއްބަސްވެ އެޕްލްއިން 113 މިލިއަން ޑޮލަރު ދައްކަނީ

އައިފޯނުތަކުގެ ހިގުން ގަސްތުގައި ލަސްކުރިކަމަށް އެއްބަސްވެ އެޕްލްއިން 113 މިލިއަން ޑޮލަރު ދައްކަނީ

Author
ހުސެއިން
20 ނޮވެމްބަރ 2020 08:48
0

އައިފޯނުތަކުގެެ ބެޓްރީގެ އުމުރު ދިގުކޮށް ބެހެއްޓުމުގެ ބޭނުމުގައި، ކުރީގެ އައިފޯނުތަކުގެ ހިގުން ގަސްތުގައި ލަސްކުރިކަމަށް އެއްބަސްވެ، އެމެރިކާގެ 34 ސްޓޭޓަކަށް 133 މިލިއަން ޑޮލަރު ދެއްކުމަށް އެޕްލް ކުންފުނިން އެއްބަސް ވެއްޖެއެވެ.

އެޕްލް ކުންފުނިން 113 މިލިޔަން ޑޮލަރު ދެއްކުމަށް އެއްބަސް ވެފައިވަނީ، އެކުންފުނިން އުފައްދާފައިވާ ކުރީގެ އައިފޯނުތަކުގެ ބެޓްރީތަކަށް ކުރިމަތިވާ މައްސަލަތަކުގެ އަސްލު ހާމަކުރުމުގައި އެކުންފުނިން ހާމަކަން ބޮޑު ގޮތެއްގައި އަމަލް ކޮށްފައިނުވާ މައްސަލަ ބެލުމަށް މިސްޓޭޓުތަކުން ކުރުމަށް ހަޖެހިފައިވާ ތަހުގީގުތައް ހިންގުމަށެވެ. މީގެތެރޭގައި އެންމެރިކާގެ ބޮޑެތި ސްޓޭޓްތައް ކަމުގައިވާ ކެލިފޯނިއާ އަދި އެރިޒޯނާވެސް ހިމެނެއެވެ.

އައިފޯނުގެ ބެޓްރީތަކަށް ކުރިމަތިވާ މައްސަލަތަކުގެ ނަތީޖާއެއްގެ ގޮތުން އެފޯނުތަކުގެ ހިގުން އަދާޔާ ޚިލާފަށް ލަސްވާކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.

އައިފޯނުގެ ބެޓްރީއަށް ކުރިމަތިވަމުން ދިޔަ މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި އެޕްލް ކުންފުނިންވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު އައިފޯނުތަކަށް ސޮފްޓްވެއަރ އަޕްޑޭޓްތައް ފޮނުވާފައެވެ. ނަތީޖާއެއްގެ ގޮތުން އައިފޯނުގެ ކުރީގެ މޮޑެލްތަކުގެ ހިގުން އާދަޔާ ޚިލާފަށް ލަސްވެ، ބޭނުން ކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތި ލާން ޖެހުނެވެ.

އެޕްލް ކުންފުނިން މިމަގުސަދުގައި ސޮފްޓްވެއަރ އަޕްޑޭޓްތައް ފޯނުތަކަށް ފޮނުވާކަމުގެ މައުލޫމާތު އާންމު ވެގެން ދިއުމާގުޅިގެން އައި ފޯނު ބޭނުންކުރާ ފަރާތަތައް އިންތިހާއަށް މާޔޫސްވެގެން ދިޔައެވެ. އަދި މިއީ އާ އައިފޯނުތައް ގަތުން އައިފޯނު ބޭނުންކުރާ ފަރާތްތަކަށް މަޖުބޫރު ކުރުވުމުގެ ގޮތުން އެޕްލް ކުންފުނިން ގަސްތުގަ ކުރާ ކަމެއްގެ ގޮތުގައި ގިނަބަޔަކު ތުހުމަތު ކުރަން ފެށިއެވެ.

"ބޮޑެތި ޓެކް ކުންފުނިތަކުން، ޚިދުމަތް ބޭނުން ކުރާ ފަރާތަތްކަށް އޮޅުވާލުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ. އޭގެ ބަދަލުގައި، ދޭ ޚިދުމަތްތަކާ، އަދި އުފެއްދުންތަކުގެ ހަގީގީ މައުލޫމާތު ޚިދުމަތްތަކާއި އުފެއްދުންތައް ބޭނުން ކުރާ ފަރާތްތަކަށް ސާފުކޮށް އެގޭނެހެން ހާމަ ކުރަންޖެހޭނެ"، ބުރާސްފަތި ދުވަހު އާންމު ކުރި ބަޔާނެއްގައި އެމެރިކާގެ އެރިޒޯނާ ސްޓޭޓްގެ އެޓާނީ ޖެނެރަލް މާރކް ބްރޮނޮވިޗް ވިދާޅުވެފައި ވެއެވެ.

އޭނާވަނީ އެޕްލް ކުންފުނިން ފޯނުތަކުގެ ހިގުން ލަސްކުރުމަށް މިގެންގުޅޭ އުސޫލުތައް ބެލުމަށް ހިންގުނު ތަހުގީގައި އިސްދައުރެއް އަދާކޮށްފައެވެ. "މިކަހަލަ ބޮޑެތި ކުންފުނިތަކުން ޚިދުމަތްތައް ބޭނުން ކުރާ ފަރާތްތަކަށް އޮޅުވާލުމުގެ ގޮތުން މައުލޫމާތު ހާމަ ނުކޮށް ހިފައްޓާނަމަ އަދިވެސް މިފަދަ ފަރާތްތައް ޒިންމާދާރު ކުރުވާނަން" އޭނާ ވިދާޅުވެފައި ވެއެވެ.

އައި ފޯނު ބޭނުންކުރާ ގިނަ ފަރާތްތަކުން ވަނީ ސޮފްޓްވެއަަރ އަޕްޑޭޓުގެ ސަބަބުން ފޯނުތައް ލަސްވާކަމުގެ ޝަކުވާތައް ކޮށްފަ

އެޕްލް ކުންފުނިން ގަސްތުގަ ފޯނުތަކުގެ ހިގުން ލަސްކުރުމުގެ މަގުސަދުގައި ފޯނަށް ސޮފްޓެވެއަރ އަޕްޑޭޓް ފޮނުވާކަމުގެ މައުލޫމާތު އޭރު އާންމު ވެގެން ދިއުމާއެކު، އޭރު އެކުންފުނިންވަނީ ކުންފުނިން އެދުވަސްވަރު ވިއްކި އައިފޯނުގެ ބެޓްރީތަކުގެ އަގު 79 އެމެރިކާ ޑޮލަރުން 29 އެމެރިކާ ޑޮލަރަށް ހެޔޮ ކޮށްފައެވެ. އަދި އައިފޯނު ބޭނުން ކުރާ ފަރާތްތަކަށް ބެޓްރީގެ އުމުރު ބެލޭނެ ފީޗާރއެއް ފޯނުގެ އިންޓަރފޭސްއަށް އިތުރު ކޮށްފައިވެއެވެ.

މިމައްސަލައާއި ގުޅިގެން 2017 ވަނަ އަހަރު ނެރުނު ނޫސްބަޔާނެއްގައި "އެޕްލް ފޯނު ބޭނުން ކުރާ ފަރާތަތަކަށް، އަހަރުމެން ގަސްތުގަ އެމީހުން ނާއުންމީދު ކުރުވާކަމުގެ އިހުސާސް ކުރެވެން ފަށާފައިވާ ކަމަށް އަހަރުމެން ގަބޫލުކުރަން. މިކަމަށްޓަކާ އައިފޯނަށް ލޯބިކުރާ އެންމެހާ ފަރާތްތަކުގެ ކިބައިން އަހަރުމެން ނިހާޔަތަށް މާފަށް އެދެން" ކުންފުނި ބުނެފައިވެއެވެ. "އެހެންނަމަވެސް، ކަމުގެ ހަގީގަތަކީ، ކުންފުނިން އެއްވެސް އިރަކު ގަސްތުގަ އެޕްލްގެ އެއްވެސް އުފެއްދުމެއްގެ އުމުރު ކުރު ކުރުމުގެ ގޮތުން ނުވަތަ އުފެއްދުންތަކާ ޚިދުމަތުގެ ފެންވަރު ދަށްކުރުމުގެ ގޮތުން އެއްވެސް ކަހަލަ އަޕްގްރޭޑެއް ކުރުމަށް ކަސްޓަމަރުންނަށް މަޖުބޫރު ކޮށްފައެއް ނުވާނެ"، މިބާޔާނުގައި އެކުންފުނިން ބުނެފައި ވެއެވެ.

އެމެރިކާގެ 34 ސްޓޭޓަކަށް އެތައް މިލިޔަން ޑޮލަރެއް ދެއްކުމަށް އެޕްލް ކުންފުނިން އެއްބަސްވެފައި ވާއިރު، އެކުންފުނިން ވަނީ އެކުންފުނީގެ ފޯނުތަކުގެ އުމުރާއި ގުޅޭގޮތުންނާއި އަދި ޕާފޯމަންސާއި އަދި ޕަވަރ މެނޭޖްމަންޓާ ގުޅޭ އެންމެހާ މައުލޫމާތެއް އެކުންފުނީގެ ވެބްސައިޓްގައާއި އަދި ސޮފްޓްވެއަރތައް އިންސްޓޯލް ކުރުމުގެ ކުރިން ފޯނު ބޭނުންކުރާ ފަރާތަތަކަށް ފެންނާނޭގޮތަށް ބެހެއްޓުމަށްވެސް އެއްބަސްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.