އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަތުލުމަށް އެންމެ މުހިންމު ދައުރެއް އަދާކުރެއްވީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގުން އަތުލުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވެސް ބޭނުން ނުވިކަމަށް ރައީސް ޔާމީން ވިދާޅުވެ ރޭ ދެއްކެވި ވާހަތަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.
އުޝާމް ވިދާޅުވީ އިންޑިއާގެ ޖީއެމްއާރު އަތުން އެއާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަތުލުމަށްޓަކައި ރައީސް ޑރ.ވަހީދުގެ ވެރިކަމުގައި ނިންމި ނިންމުން ތަންފީޒު ކުރުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރެއްވީ އޭރުގެ ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމްކަމަށެވެ. އަދި އެއާޕޯޓް ޖީއެމްއާރު އަތުން އަތުލަން ނިންމީ ރައީސް ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރުގެ ތެތޭގައި އޭރުގެ ކެބިނެޓުން ނިންމައިގެންކަމަށް އުޝާމް ވިދާޅުވިއެވެ.
GMR އަތުން އެއަރޕޯޓް އަތުލަން ނިންމީ އޭރުގެ ސަރުކާރުގެ ކެބިނެޓުން. 27 ނޮވެމްބަރ 2012 ގެ ކެބިނެޓް ބައްދަލުވުމުގެ ޔައުމިއްޔާތައް މިހާރުވެސް ހުންނަންވާނެ. ކެބިނެޓްގެ ނިންމުން ތަންފީޒުކުރުމަށް އެންމެ މުހިންމު މަސައްކަތެއް އޭރު ކުރި އެކަކީ ކާނަލް ނާޒިމް. މިހަގީގަތް ބަދަލެއް ނުކުރެވޭނެ.
– އުޝާމް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ޕީޕީއެމް އޮފީހުގަިއ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާގެ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށް ކުރެވުނު މަސައްކަތުގައި އޭރުގެ ސިޔާސީ ލީޑަރުން މަގުތަކާއި ކަނޑުމަތީގައިވެސް ގިނަ މުޒާހަރާތަކެއްކޮށް ޖަލަށްވެސް ދާންޖެހުނު ކަމަށެވެ. އެމަސައްކަތް ހުއްޓުވުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަރުމުދާ ވިއްކުމާއި ދެކޮޅަށް މަޖިލީހުން ޤާނޫނެއް ފާސް ކުރި ނަމަވެސް އެޤާނޫނު ތަސްދީގު ނުކޮށް ބާއްވައި އޭރުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖިއެމްއާރާއިއެކު އެއާޕޯޓް އެއްބަސްވުމުގައި ސޮއިކޮށްފައިކަމަށެވެ.
އެއާޕޯޓް އެއްބަސްވުމަށްފަހު ނަޝީދުގެ ވެރިކަން ބަދަލުވެ އެއްބަސްވުން ބާތިލްކުރަން މަޝްވަރާ ފެށުމާއިއެކު އެކަމާއި އެންމެ ބޮޑަށް ދެކޮޅު ހެއްދެވީ އޭރުގެ ސިޔާސީ ލީޑަރުންގެ ތެރެއިން ޖީއެމްއާރު އަތުން އެއާޕޯޓް އަލުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ޝައިޚު އިމްރާނާއި، ޤާސިމް އިބްރާހިމްއާއި، ތަމްސީން އަލީގެ އިތުރުން ކާނަލް ނާޒިމްވެސް ވަނީ އެއްބަސްވުން ބާތިލް ކުރުމަށް ދެކޮޅު ހައްދަވާފައިކަމަށް ޔާމީން ވިދާޅުވިއެވެ.
އެއްބަސްވުން ބާތިލް ކުރުމަށް ކުރިންވެސް ވަކާލާތު ކުރެއްވި ގޮތަށް ތިއްބެވި ބޭފުޅުންނަަކީ ހަސަން ސައީދާއި ރައީސް ޔާމީން އެކަނިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ ނަޝީދުގެ ވެރިކަމަށްފަހު ޑރ.ވަހީދުގެ ސަރުކާރުގައިވެސް ޕީޕީއެމްގެ ފަރާތުން ދެ ފަހަރެއްގެ މަތިން ވާނީ ޖީއެމްއާރުން އެއާޕޯޓު ނަގަން ޖެހޭ ކަމަށް ސަރުކާރަށް ދެންނެވި ކަމަށެވެ.
ޔާމީން ވިދާޅުވީ އިންޑިޔާއާ ދެކޮޅަށް އެދުވަހުވެސް މިއަދުވެސް މަސައްކަތްކުރަނީ ޕީޕީއެމްކަމަށާއި އެ ދުވަހުވެސް މިއަދުވެސް އެއްކޮޅުގައި ތިބީ އެއްބައެއް ކަމަށެވެ. ޕީޕީއެމްއަށް މިއަދުވެސް ވިސްނެނީ އެދުވަހުވެސް ވިސްނި ގޮތައް ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.
އިންޑިއާގެ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށްފަހު ރައީސް ޔާމީން ވަނީ ދައްކަންޖެހޭ ފައިސާވެސް ޖީއެމްއާރަށް ދައްކާފައެވެ. އަދި އެއާޕޯޓަށް ތަރައްޤީގެ އިންގިލާބެއްވެސް ގެނެސްދެއްވާފައެވެ.
One Response
ވޯޓާ ކާރި ވާ ވަރަކައް ބާގީން ތެޅޭނެ މިހާރު މިގައުމު ކޮނމެކަމެއް މީހަކު ކުރިޔަސް ނާޒިމު ކުރިކަމެކޯ ކިޔާއިރު ނާޒިމު ކޮށދިން ހަމައެކަނި ކަމަކީ މިރާއްޖެ ފެނައްޖެއްސީ އެވެސް ވެރިކަމުގެ ދަހިވެތިކަމުގައި އެއިރު އޮއި ވެރި ކަން ވައްޓަން ކުރިކަމެއް އަނގަހުޅުވާ އިރު މީ ކޮނ ބައެއް ކަން ނޭގޭ ތަނެއްގައި އަގަފުޅާ ކޮށބަލަ ހަމަ އެކަނި ހުރިނުބައިކަން އަމި‘އްލަޔައް ވިސްނާބަލަ މީނާ ވެސް ވެރިކަން ކުރާހިއް ވސނީޔޯ ހެ ހެ ހެ ހެ