ޑެންގީ ޖެހިގެން 8 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

ޑެންގީ ޖެހިގެން 8 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

ޑެންގީ ހުމުން ޖެހިގެން ރާއްޖެއިން ކުއްޖަކު ނިޔާވެއްޖެއެވެ.

އައިޖީއެމްއެޗުން ބުނީ މިއަދު ނިޔާވެފައިވަނީ އުމުރުން 8 އަހަރުގެ އަންހެން ކުއްޖެއްކަމަށެވެ. މިއީ މިއަހަރުތެރޭގައި ޑެންގީ ޖެހިގެން އައިޖީއެމްއެޗްގައި ނިޔާވި ދެވަނަ ކުއްޖާއެވެ.

ޑެންގީގެ ނުރައްކާ މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް އަންނަނީ ބޮޑުވަމުންނެވެ. މިވަގުތުވެސް އައިޖީއެމްއެޗްގައި ޑެންގީ ހުންޖެހިފައިވާ 4 ކުއްޖަކު އެބަތިއްބެވެ. އެ 4 ކުދިންގެ ތެރެއިން 3 ކުދިންނަކީ އަތޮޅުތެރޭގެ ރަށްރަށުން ގެނެސްފައިވާ ކުދިންނެވެ.

މީގެތެރެއިން އެއް ކުއްޖަކީ މާލެއިން އެޑްމިޓްކޮށްފައިވާ ކުއްޖެއްކަމަށް ކުޑަކުދިންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރ އަޙްމަދު ފައިސަލް ވިދާޅުވިއެވެ. ޑރ.ފައިސަލް ވިދާޅުވީ ޑެންގީ ޖެހިގެން އަންނަކަން ބޮޑަށް ފާހަގަކުރެވެނީ ނ.އަތޮޅާއި، މ.އަތޮޅުގެ އިތުރުން ރ.އަތޮޅުންކަމަށެވެ. އެހެންނަމަވެސް މާލޭގައިވެސް މިބަލި ފެތުރެމުންދާ ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.

ޑެންގީ ހުން ޖެހިފައިވާނަމަ ބަލިން އަވަހަށް ގަދަވުމަށްޓަކައި ގިނައިން އަރާމުކުރުމަކީ މުހިއްމުކަމެކެވެ. އަދި ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. މިގޮތުން ހަމައެކަނި ފެން ބުއިމުގެ ބަދަލުގައި ކުރުނބާ ފެނާއި ލޮނުޕެކެޓު ބޭނުންކުރުމަށްވަނީ އިރުޝާދުދެއްވާފައެވެ. އަދި ކެފެއިން ހިމެނޭ ބުއިންތަކާއި ކޮފީއާއި ދުރުހެލިވާންޖެހެއެވެ.

މީގެއިތުރުން ހުންއައިސް ހޮޑުލެވޭނަމަ ކުލަގަދަ ދިޔާތަކެތި ބޭނުންނުކުރަންވެސް ޑރ.ވަނީ އިރުޝާދުދެއްވާފައެވެ. އެގޮތުން ކަރާފަންޏާއި މައިލޯ ފަދަ ބުއިންތަކުން ހޮޑުލެވޭނަމަ ދުރުހެލިވާންޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.