އިސްރާޢީލްގެ ޕާސްޕޯޓު މަނާ ކުރުމުގެ ކުރިން ފަލަސްތީނާއި އަރަބި ގައުމުތަކުގެ ބަހެއް ވެސް ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
ފަލާހް އެގޮތަށް ވިދާޅުވީ، އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލްގެ މަސައްކަތް ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން މަޖިލިހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
ކޮމިޓީ ބައްދަލުވުމުގައި ނައިބު މުގައްރިރު ފަލާހް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ މެދު އިސްރާއީލުން ހިންގަމުން ގެންދަނީ ވަރަށް ވަރުގަދަ ގަތުލުއާންމެއް ކަމަށެވެ. އަދި އިސްލާހާ މެދު މަޖިލީހުން ގޮތެއް ނިންމަން ވާނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށް ފަލާހް ވިދާޅުވިއެވެ.
"އަޅުގަނޑަށް ފާހަގަ ކުރެވޭ ގޮތުގައި ފަލަސްތީނުގެ ބަހެއް (ހޯދަންޖެހޭ). އެ ގައުމުގައި ވެސް ވެރިން އެބަތިބި، ގުޅުން ހުރި އިދާރާތައް އެބަހުރި. ރާއްޖެއަށް އިސްރާއީލް ރައްޔިތުން އައުން މަނާ ކުރުމުން އެ ބޭފުޅުންނަށް، އެ ގައުމަށް މިކަމުގައި ކިހާ މަންފާއެއް، ފައިދާއެއް ހުރިތޯ ނުވަތަ އެ ބޭފުޅުންނަށް ލިބޭނެ ހިތްހަމަޖެހުމާއި އުފާވެރިކަން އޮތްތޯ (ބަލަން ޖެހޭ)،" ފަލާހު ވިދާޅުވިއެވެ.
ފަލާހް ވިދާޅުވި ގޮތުގައި އިސްރާއީލްގައި ވެސް އެތައް ސަތޭކަ މުސްލިމުން އެބަތިބިއެވެ. އިސްރާއީލްގެ ޕާސްޕޯޓު މަނާ ކުރާއިރު މިއީ އަވަސް އަރުވާލައިގެން ނިންމޭ ކަހަލަ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ، ވަރަށް ފުޅާ ދާއިރާއެއްގައި މި މައްސަލަ ދިރާސާކޮށްފައި ނޫނީ ގޮތެއް ނިންމައިގެން ނުވާނެ،" ފަލާހް ވިދާޅުވިއެވެ.
ފަލާހް ވިދާޅުވީ އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ 19 ވަނަ މަޖިލީހުގައި ވެސް މަޖިލިހަށް ހުށަހެޅިއިރު އެ މައްސަލަ ނުނިންމި ސަބަބެއް އޮންނާނެ ކަމަށެވެ. އެހެންވެ، މިއީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވެން ޖެހޭ ކަމެއް ކަމަށް ތަކުރާރުކޮށް އޭނާ ވެސް ވިދާޅުވިއެވެ.