ކޮރަޕްޝަންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަނީ އެކަށީގެންވާ ސްޕީޑަކު ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ކޮރަޕްޝަންގެ ކަންކަން ރާއްޖޭގައި އަށަގެންފައިވާ މިންވަރުން އެކަންކަން ހައްލުކުރުމަށް އެންމެ ބޮޑު ޒިންމާއެއް އެޅިފައިވަނީ އޭސީސީގެ ބޮލުގައި ކަމަށެވެ. އެހެންވެ، ގާނޫނުތަކަށް ގެންނަ ބަދަލުތަކަކީ ކޮރަޕްޝަންގެ މައްސަލަތައް އެކަށީގެންވާ ހަލުވިމިނެއްގައި ބެލުމަށް ގެންނަ ބަދަލުތަކެއް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
"މި ކުރާ މަސައްކަތަކީ ކޮމިޝަންގެ މަސައްކަތް އަލުން ހިނގައިގަނެވޭނެ ގޮތަކަށް ކަންކުރުން." ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ކޮރަޕްޝަން ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ޔުނިފޯމް އެޅި މުއައްސަސާތަކުގައި ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތްތައް ފާހަގަކުރެވޭ ކަމަށެވެ.
"ދާދި ފަހުން ވަނީ ކަރެކްޝަންސްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލައި އެ މައްސަލަތައް ޝަރީއަތަށް ފޮނުވާފައި. މިހާރު ވެސް ފުލުހުންގެ ތެރޭގައި ވެސް އޮޑިޓް ކުރުމުގެ މަސައްކަތް އޮޑިޓާ ޖެނެރަލް ކުރައްވަމުން ގެންދަވަނީ. އަދި ކަސްޓަމްސްގެ ކަންކަން ވެސް ދަނީ ވަރަށް ގާތުން ބަލަމުން. އެހެންވީމަ އެ ކަންތައްތައް ހަމަޔަކަށް އެޅުވުމަށް ކޮމިޝަންތައް ހަމަޔަކަށް އަޅުވަން ޖެހޭ." ނާޒިމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ