ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމަށް ހުށަހެޅި މައްސަލައަށް އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ތަދައްޚުލް ވެއްޖެ

ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމަށް ހުށަހެޅި މައްސަލައަށް އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ތަދައްޚުލް ވެއްޖެ

Author
ހުސައިން
25 ނޮވެމްބަރ 2024 03:14
0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު އިސްލާހު ބާޠިލުކުރުމަށް، ޤާނޫނީ ވަކީލު އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގައި، އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްއިން ވަނީ ތަދައްޚުލުވާން ނިންމައިފައެވެ.

ދަ ޑިމޮކްރެޓްސްއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، މި އިސްލާހަކީ މަޖިލީހުގެ ބާރާއި ބޭނުން ކަނޑުވާލައި، ޤާނޫނުއަސާސީގެ ތަސައްވުރުތަކާއި އަސާސީ ސިފަތަކާ ޚިލާފު އިސްލާހެކެވެ. އަދި މި އިސްލާހުގެ ސަބަބުން ތިން ބާރު ވަކިވެފައިވާ މުޅި ނިޒާމު ހުއްޓި، ޤާނޫނީ ހުސްކަމެއްގެ ތެރެއަށް ޤައުމު ވެއްޓި، ވަކި ސިޔާސީ ޕާޓީއެއްގެ އަތްމައްޗަށް ދައުލަތުގެ އެންމެހައި ބާރުތައް ނެގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ޕާޓީން ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީން ވެސް ވަނީ މި މައްސަލައިގައި ތަދައްޚުލުވާން ނިންމިކަން އިޢުލާންކޮށްފައެވެ. އެ ޕާޓީން ބުނެފައިވަނީ މި އިސްލާހު ގެނެވިފައިވަނީ ޤާނޫނުއަސާސީގެ ބާރު ކަނޑުވާލައި، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރާ މެންބަރުން ހިޔާރުކުރުމަށް ރައްޔިތުންނަށް ލިބިފައިވާ ބާރު ނިގުޅައިގަނެވޭ ގޮތަށް ކަމަށެވެ. މި ދެ ޕާޓީން ވެސް މައްސަލައިގައި ތަދައްޚުލުވުމަށް ޤާނޫނީ ވަކީލުން މެދުވެރިކޮށް މަސައްކަތްތައް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

އަލީ ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޤާނޫނުއަސާސީއަށް ގެނެވުނު ހަވަނަ އިސްލާހު ވަނީ ޤާނޫނުއަސާސީގެ ހަތަރުވަނަ، އަށްވަނަ، 26 ވަނަ، 75 ވަނަ އަދި 90 ވަނަ މާއްދާއާ ޚިލާފަށް ކަމަށެވެ. މި އިސްލާހާ ގުޅިގެން ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ވެސް ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ގޮވާލައްވާފައެވެ. އަދި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް ވަނީ މެންބަރުން ވަކިކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ޤާނޫނުއަސާސީ ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.