ހަތަރު ފަޅުވެރިންނާއެކު ދަތުރުކުރި ސަޕްލައި ބޯޓެއް ކާށިދޫ ކަނޑަށް އަރިއަޅާލައި ފެންވަންނަން ފެށުމާ ގުޅިގެން، ފުލުހުން މިއަދު ސަލާމަތްކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ބުނީ، މާލެއިން ރ. އަތޮޅުގެ ރިސޯޓަކަށް ދަތުރުކުރި 'ސީ ލައިން – 3′ ބޯޓުން ސަލާމަތަށް އެދި ގޮވާލީ މިއަދު ހެނދުނު 09:57 ހާއިރު ކަމަށެވެ. އެ ބޯޓު އަރިއަޅާލީ، އުފުލަމުންދިޔަ ލަކުޑިތައް ހިފެހެއްޓުމަށް ޖަހާފައި އޮތް ބެލްޓު ކަނޑައިގެން ދިޔުމުންނެވެ.
ހާދިސާ ހިނގި ސަރަހައްދާ އެންމެ ކައިރީގައި ހުރި، ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުގެ ސްޕީޑް ބޯޓެއް މިހާރު ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، ބޯޓު ސަލާމަތްކުރުމުގެ ގޮތުން، އެ ބޯޓުގައި ހުރި ބައެއް މުދާ ކަނޑަށް ބާލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުން، ބޯޓު އަޑިއަށް ދިޔުމުގެ ކުރިން، އޭގައި ހުރި ފެންތައް ބޭރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނި ގޮތުގައި، އެ ބޯޓުގައި ދަތުރުކުރީ ތިން ދިވެހިންނާއި އެއް ބިދޭސީއަކާ އެކު، ޖުމްލަ ހަތަރު ފިރިހެން ފަޅުވެރިންނެވެ. ނަމަވެސް، އެ މީހުންނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި ހާދިސާ ހިނގާފައި މިވަނީ، ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ބޮޑު ސަރަހައްދަކަށް، ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ގަޑިއަކު 40 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށް، ހުދު ސަމާލު ނެރެފައި ވަނިކޮށެވެ.
ކޮމެންޓު ފޮނުވާ