ހާލަންޑާއި، ފޮޑެން ހެޓްރިކް ހަދައި ޔުނައިޓެޑު ލަދުގަންނަވާލައިފި

ހާލަންޑާއި، ފޮޑެން ހެޓްރިކް ހަދައި ޔުނައިޓެޑު ލަދުގަންނަވާލައިފި

އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި މިރޭ އާލިން ބްރައުޓް ހާލަންޑްގެ ރެކޯޑް ހެޓްރިކާ އެކު 6-3 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.

ހާލަންޑަކީ ޕްރިމިއާ ލީގުގެ ތާރީހުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއެވެ. ހާލަންޑް ހެޓްރިކް ހެދީ ޔުނައިޓެޑްގެ އިތުރުން ކްރިސްޓަލް ޕެލަސް އާއި ނޮޓިންހަމް ފޮރެސްޓް ކޮޅަށެވެ. މި ފަހަރު ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް ސިޓީއާ ގުޅުނު ހާލަންޑް މި ވަނީ ލީގުގައި އެކަނި ވެސް ހަތް މެޗުން 14 ގޯލު ޖަހައިފައެވެ. އަދި ޗެމްޕިއަންސް ލީގުގައި ވަނީ ދެ މެޗުން ތިން ގޯލު ޖަހައިފައެވެ.

ޔުނައިޓެޑާ ދެކޮޅަށް ހާލަންޑާއި ފޮޑެން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު އަށްވަނަ މިނިޓުގައި ފޮޑެން ޖެހީ ބެނާޑޯ ސިލްވާ ގެ ޕާހަކުންނެވެ. އެއަށް ފަހު 34 ވަނަ މިނިޓާއި 37 ވަނަ މިނިޓުގައި ހާލަންޑް ދެ ގޯލު ވެސް ޖެހީ ކެވިން ޑިބްރޭނާގެ އެހީތެރިކަމާ އެކުއެވެ. ޑިބްރޭނާ ވަނީ މިހާތަނަށް އެސިސްޓް ކުރި އަށްވަނަ ލަނޑެވެ.

ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ފޮޑެން އޭނާގެ ދެވަނަ ލަނޑު ޖެހީ ހާލަންޑް ހުރަސްކޮށްލި ބޯޅައަކުންނެވެ. ދެވަނަ ހާފު ފެށިގެން ނުވަވަނަ މިނިޓުގައި އެންޓޮނީ ޖެހި ލަނޑަކުން ޔުނައިޓެޑުން ހިތްވަރެއް ހޯދި ނަމަވެސް އަށް މިނިޓް ފަހުން ހާލަންޑް ވަނީ އޭނާގެ ތިންވަނަ ލަނޑާ އެކު ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މިއީ ހާލަންޑް އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 15 ވަނަ ހެޓްރިކެވެ. އަދި މި ސީޒަނުގައި ޕްރިމިއާ ލީގަށް ބަދަލުވެ، ކުޅުނު އަށް މެޗުން ޖެހި ތިންވަނަ ހެޓްރިކެވެ. އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް އޭނާ ވަނީ ހެޓްރިކް ހަދައިފައެވެ. ލީގުގައި މިހާތަނަށް 14 ލަނޑު ޖަހައިފައި ވާއިރު، ސީޒަނުގައި މިހާތަނަށް 17 ލަނޑު ޖަހައިފައި ވެއެވެ.

ފޮޑެން އޭނާގެ ކެރިއަރުގެ ފުރަތަމަ ހެޓްރިކް ފުރިހަމަކުރީ 72 ވަނަ މިނިޓުގައި ހާލަންޑް ދިން ޕާހަކުންނެވެ. ފޮޑެން މި ސީޒަނުގައި މިހާތަނަށް ލީގުގައި ފަސް ގޯލު ޖަހައިފައެވެ. ދެ ކުޅުންތެރިންގެ ހެޓްރިކަށް ފަހު ޔުނައިޓެޑުން ވަނީ 82 ވަނަ މިނިޓުގައި ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު ޖަހައިދިނީ، އެޓީމުގެ ފުރަތަމަ ލަނޑަށް ފަހު ކުޅެން އެރި އެންޓޮނީ މާޝިއަލްއެވެ. އަދި މާޝިއަލް އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއަކުން އިތުރު ވަގުތުގައި ޔުނައިޓެޑްގެ ތިންވަނަ ލަނޑު ވެސް ޖެހީ އޭނާއެވެ.

މިއީ މި ދެޓީމުގެ ދެމެދުގައި ކުޅުނު މެޗެއްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ފެނުނު މެޗެވެ. މި ނަތީޖާއާ އެކު ސިޓީ ވަނީ އެއްވަނައިގައި އޮތް އާސެނަލް އާ ޕޮއިންޓަކަށް ގާތް ކޮށްފަ އެވެ. ސިޓީ ދެވަނައިގައި އޮތީ މެޗަކުން ބަލިނުވެ، އަށް މެޗުން ހޯދި 20 ޕޮއިންޓާ އެކުއެވެ. ޔުނައިޓެޑް އޮތީ ހަތް މެޗުން ހޯދި 12 ޕޮއިންޓާ އެކު ހަ ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *