ކުރިއަށް އޮތް ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ދިވެހި ހާފިޡުން ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފިއެވެ. މި އިއުލާނުގައިވާ ގޮތުން، އާންމު މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީޙު ނަމާދުކުރާ ކޮންމެ ރެޔަކަށް 500 ރުފިޔާގެ އެލަވަންސެއް ދެވޭނެއެވެ. ނަމަވެސް އިސްލާމީ މަރުކަޒާއި ސަލްމާނު ރަސްގެފާނު މިސްކިތުގައި އިމާމުވެ ނަމާދުކުރައްވާ ދިވެހި ދެ ހާފިޒުންނަށް ކޮންމެ ރެޔަކަށް 700 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީޙު ނަމާދުކުރަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ކައުންޓަރަށް ފޯމު ހުށަހަޅަންވާނެއެވެ. އަދި ރަށްރަށުގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީޙު ނަމާދުކުރަން އެދޭ ފަރާތްތަކުން ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަށް ފޯމު ހުށަހަޅަންވާނެއެވެ. ރަށު އަދި ސިޓީ ކައުންސިލްތަކުން މި ފޯމުތައް ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވަން ޖެހޭނެއެވެ.
ހާފިޒުންގެ ގޮތުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ފޯމު ލިބެން ހުންނާނީ ކައުންސިލްގެ އިދާރާތަކުންނާއި އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv އިންނެވެ.