ޔޫއެން ޖެނެރަލް އެސެމްބްލީގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ކުރެއްވި ތަޤްރީރަށް އިންޑިއާއިން ހަރުކަށި ރައްދެއް ދީފި އެވެ.
ޖަވާބު ދިނުމުގެ ޙައްޤު ބޭނުންކޮށްގެން އިންޑިއާގެ ފަރާތުން ވާހަކަ ދެއްކެވީ ޔޫއެންގައި ހުންނަ އިންޑިއާގެ ދާއިމީ މިޝަންގެ ފަސްޓް ސެކްރެޓަރީ ޕެޓަލް ގަހްލޮޓް އެވެ. އޭނާ ވިދާޅުވީ އެ ދުވަހުގެ މެންދުރުފަހު ޕާކިސްތާނުގެ ތަމްސީލުކުރާ ފަރާތުން ޖެނެރަލް އެސެމްބްލީގައި "ވަރަށް އަޖައިބު" ވާހަކަތަކެއް ދެއްކި ކަމަށެވެ.
ގަހްލޮޓް ފާހަގަކުރެއްވީ މި ތަޤްރީރު ކުރެވުނީ ނިއު ޔޯކް ސިޓީއާއި މުޅި ދުނިޔެއިން 9/11 ޓެރަރިސްޓު ހަމަލާގެ 25 ވަނަ އަހަރު ފާހަގަކޮށް ދެ ހަފްތާ ފަހުން ކަމަށެވެ. އެ ހަމަލާގެ ފަހަތުގައި ހުރި އޮސާމާ ބިން ލާދިން ދިރިއުޅުނީ ޕާކިސްތާނުގެ ސިފައިންގެ އެންމެ މުހިންމު އެކެޑެމީގެ ދޮރުމަތީގައި ކަމުން އެ ޙަޤީޤަތް ހަނދާންކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ 2011 ވަނަ އަހަރު އެމެރިކާގެ ސިފައިން ބިން ލާދިން މަރާލި އެބޮޓާބާދުގައި ހުންނަ ޕާކިސްތާން މިލިޓަރީ އެކެޑެމީއަށް އިޝާރާތްކުރައްވައިގެން ދެއްކެވި ވާހަކައެކެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު އެ ޤައުމުގެ ސިފައިންގެ ކުރިމަތީގައި "ކުޑަކަކޫމައްޗަށް ތިރިވެ" ތަޢުރީފުކުރެއްވި ކަމަށް ބުނެ ގަހްލޮޓް ފާޑުކިޔުއްވައި، ބިން ލާދިން ފޮރުވިފައި ހުރީ ހަމަ އެ ސިފައިންގެ ކައިރީގައި ކަމަށް ވިދާޅުވި އެވެ.
ގަހްލޮޓް ވާހަކަފުޅު ނިންމަވަމުން ވިދާޅުވީ މިފަދަ ވާހަކަތަކަކީ "ޕާކިސްތާނީން އަމިއްލައަށް ފޯމް 47 ސަރުކާރެއް ކަމަށް ކިޔާ ސަރުކާރަކުން" އުންމީދުކުރެވޭ ކަންތައްތަކެއް ކަމަށެވެ. މި ބަސް ބޭނުންކުރަނީ 2024 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި އާންމު އިންތިޚާބުގެ ނަތީޖާއަށް އަތްގަދަކޮށް ހޯދިކަމަށް ދައުވާކުރާ ފަރާތްތަކުންނެވެ. ނަމަވެސް ސަރުކާރުން އެ ދައުވާ ދޮގުކޮށްފައިވެ އެވެ.
އެކުވެރި ޤައުމުތަކުގެ އަހަރީ ބައްދަލުވުމުގައި އަވަށްޓެރި ދެ ޤައުމުގެ ދެމެދު ޖަވާބު ދިނުމުގެ ޙައްޤު ބޭނުންކޮށްގެން ހަރުކަށި ވާހަކަ ދެއްކުމަކީ ދިގު މުއްދަތެއްގެ މަތިން ކުރިއަށް ދާ ކަމެކެވެ.
ކޮމެންޓު ފޮނުވާ