ޕޮޓާ އާއެކު ޗެލްސީ އަށް ފުރަތަމަ މޮޅު

ޕޮޓާ އާއެކު ޗެލްސީ އަށް ފުރަތަމަ މޮޅު

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީން ކާމިޔާބުކޮށްފިއެވެ.

ޕެލަސްގެ ދަނޑުގައި ކުޅުނު މިމެޗް ޗެލްސީ ކާމިޔާބުކުރީ ފަހަތުން އަރާ 2-1 ގެ ނަތީޖާއަކުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީންނެވެ. މިއާއެކުވެސް މި މެޗްގެ ފެށުން ރަނގަޅުވީ ޕެލަސް އެވެ. އެގޮތުން މެޗްގެ 7 ވަނަ މިނެޓްގައި ޕެލަސްއިން ވަނީ ލަނޑެއް ކާމިޔާބުކޮށް މި މެޗްގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮޑްސޯން އެޑުއާޑް އެވެ.

މި މެޗްގައި ޗެލްސީން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ތިއާގޯ ސިލްވަރގެ ފަރާތުން ތަނަވަސްވި ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ޕިއޭ އެމެރިކް އައުބަމެޔާންގްއެވެ. މިއީ އޭނާ ޕްރިމިއަރ ލީގަށް އެނބުރި އައިސް ޗެލްސީއަށް ލީގުގައި ކުޅެ އަދި ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ނަމަވެސް މި ލަނޑު ޖެހުމުގެ އިރުކޮޅެއް ކުރިން ޕެލަސްގެ ފޯވަޑް ޖޯޑަން އަޔޫ ގޯލަށް ހުސްކޮށް ދިއުމުގެ ފުރުސަތު ލިބިފައިވި ބޯޅައެއްގައި ސިލްވަރ ގަސްދުގާ އަތްލީކަމަށް ޕެލަސްއިން ބުނާ ހާދިސާގައި އޭނާއަށް ރަތް ކާޑު ނުދެއްކުމުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެއެވެ.

ވިއޭއާރުން ބެލުމަށްފަހު އޭނާއަށް ދެއްކި ރީނދޫ ކާޑު ދަމަހައްޓަށް ރެފްރީ ނިންމުމާއެކު ޕެލަސްގެ ކޯޗް ޕެޓްރިކް ވިއޭރާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މި މެޗުން ޗެލްސީ މޮޅުވި ލަނޑު ޖަހާދީފައިވަނީ މިދިޔަ ސީޒަންގައި ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީން ޕެލަސްއަށް ބަދަލުވެ މޮޅު ކުޅުމެއް ދެއްކި ކޯނޯ ގެލެގަރއެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ މެޗް ނިމެން އެއް މިނެޓަށް ވެފައިވަނިކޮށެވެ.

މި ކާމިޔާބީއާއެކު ޗެލްސީއަށް މިވަނީ އާ ކޯޗް ގްރަހަމް ޕޮޓަރގެ ކޯޗް ކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗްގައި ފުރަތަމަ ކާމިޔާބީ ހޯދާފައެވެ. މިއާއެކު އެޓީމް މިހާރުވަނީ 13 ޕޮއިންޓާއެކު ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ޕެލަސް އުޅެނީ 6 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.