އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ބްރައިޓަން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ލިވަޕޫލުން ކުޅުނު މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. ނަމަވެސް ބްރައިޓަންގެ ކޯޗް ކަމާއި އަލަށް ހަވާލުވި އިޓަލީވިލާތުގެ ރޮބާޓޯ ޑި ޒަރބީގެ ކޯޗްކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗްގައި ތަރިއަކަށް ވެގެންދިޔައީ ލިއާންޑްރޯ ޓްރޮސާޑްއެވެ. މިމެޗްގައި އޭނާވަނީ ހެޓްރިކެއް ހަދާފައެވެ.
މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 4 ވަނަ މިނެޓްގައި ޖަހާ މިމެޗްގެ ލީޑު ބްރައިޓަން އަށް ނަގާދިނީ ޓްރޮސާޑްއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި ޖަހާ ޓްރޮސާޑްވަނީ މެޗްގެ ވަރަށް ކުރީކޮޅު ދެ ލަނޑުގެ ލީޑެއް ބްރައިޓަންއަށް ނަގާދިފައެވެ.
މިސީޒަންގައި މެޗްތައް އެންމެ ފޯރީގައި ނުފެށުމުގެ މައްސަލަ ދިމާވެފައިވާ ލިވަޕޫލުގެ ކުޅުން ރަނގަޅު ވާން ފެށީ ފުރަތަމަ ހާފްގެ މެދަކާ ހިސާބުންނެވެ. މިގޮތުން މިމެޗްގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗްގެ 33 ވަނަ މިނެޓްގައި ޖަހާ ފަރަގު ކުޑަކޮށްދިނީ ރޮބާޓޯ ފިރިމީނޯއެވެ. އަދި މެޗްގެ 54 ވަނަ މިނެޓްގައި ފިރިމީނޯވަނީ އޭނާގެ ދެވަނަ ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިމެޗްގައި ދެންވެސް ފެނިގެންދިޔައީ ލިވަޕޫލްގެ ލަނޑެކެވެ. މެޗްގެ 63 ވަނަ މިނެޓްގައި ލިވަޕޫލުް މިމެޗްގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ ބްރައިޓަންގެ އެޑަމް ވެބްސްޓަރ އަތުން ބައިކޮޅަށް ވަން ލަނޑަކާއެކުއެވެ. ނަމަވެސް މެޗްގެ 83 ވަނަ މިނެޓްގައި ޓްރޮސާޑްވަނީ އޭނާ މިމެޗްގައި ކާމިޔާބުކުރި ތިންވަނަ ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަކޮށް މިމެޗުން ޕޮއިންޓެއް ބްރައިޓަންއަށް ހޯދާދީފައެވެ.
މިމެޗް އެއްވަރު ވުމުން މިފަހަރު ލީގަށް ވާދަކުރާނެކަމަށް ބެލެވިފައިވި ލިވަޕޫލްއިން ކުޅުނު ހަތް މެޗްގެ ތެރެއިން ހަތަރު މެޗުން މިވަނީ އެއްވަރު ވެފައެވެ. އަދި އެއް މެޗުން ބަލިވެ މޮޅުވެވިފައިވަނީ ދެމެޗުންނެވެ. އެހެންކަމުން މިވަގުތު ލިވަޕޫލް އުޅެނީ 10 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ. އަދި އެއްވަނައިގާ މިވަގުތު އޮތް އާސެނަލް އާއި ދެމެދުގައި 11 ޕޮއިންޓްގެ ތަފާތު މިވަނީ އުފެދިގެން ގޮސްފައެވެ.
ނަމަވެސް ލިވަޕޫލްވަނީ އެއްމެޗް މަދުން ކުޅެފައެވެ. ބްރައިޓަން އުޅެނީ މިމެޗުން ލިބުނު ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. ނަމަވެސް މިރޭ މެންޗެސްޓަރ ޑަރބީގައި ޔުނައިޓެޑް މޮޅުވެއްޖެނަމަ ބްރައިޓަން ފަސްވަނައަށް ވެއްޓިގެންދާނެއެވެ.