ތުލުސްދޫ ކުނިގޮނޑު - ފޮޓޯ: ޚަބަރު އޮންލައިން

ކުނީގެ މައްސަލަ: ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ ތުލުސްދޫއަށް ބޮޑު ގޮންޖެހުމެއް

ކުނީގެ މައްސަލަ: ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ ތުލުސްދޫއަށް ބޮޑު ގޮންޖެހުމެއް

މާލެ އަތޮޅުގެ ވެރިރަށް ތުލުސްދޫ އަކީ، އަތޮޅުގައި މީހުން ދިރިއުޅޭ އެހެން ރަށްތައް ފަދައިން ލޯކަލް ޓޫރިޒަމް ފައްކާވެ، ފަތުރުވެރިންގެ މެދުގައި ވެސް މަގްބޫލު ރަށެކެވެ. ހާއްސަ ގޮތެއްގައި ރާޅާއަޅަން ރާއްޖެއަންނަ ފަތުރުވެރިންގެ މެދުގައި ތުލުސްދޫއަކީ އެންމެ މަގުބޫލުއެއް މަންޒިލެވެ.

ފަތުރުވެރިކަން ފުޅާވުމުން އިގްތިސާދީ ގޮތުން މިކަމުގެ ފައިދާ ހޯދަނީ ހަމައެކަނި ތުލުސްދޫގެ ރައްޔިތުންނެއް ނޫނެވެ. ލޯކަލް ޓޫރިޒަމްގައި ނަމޫނާ ރަށުގެ ގޮތުގައި ފާހަގަކުރެވޭ މާފުށި ފަދައިން ތުލުސްދޫގައިވެސް ގިނަ އަދަދަކަށް ރަށުންބޭރުގެ އިންވެސްޓަރުން، އަދި ވިޔަފާރިވެރިންގެ ގެސްޓްހައުސް ތައް އެބަހުޓެވެ.

ތުލުސްދޫ ޕިކްނިކް ސަރަހައްދުގައި ފަތުރުވެރިން ހަރަކާތްތެރިވަނީ – ފޮޓޯ: ޚަބަރު އޮންލައިން

"މިރަށުގަވެސް އެބަހުރި ސަރުކާރުގެ އެކި ފަންތީގެ ވެރިންގެ ގެސްޓް ހައުސްތައް. މަޖިލީސް ރައީސް ނަޝީދުގެ އާއިލީ ތަނެއް ވެސް އެބަހުރި"

– ރަށުން ވާހަކަދެއްކި ރައްޔިތެއް

ރަށުގައި ފަތުރުވެރިކަން މިހާވަރަށް ފުޅާވެ، އަދި ފުޅާވަމުން ދާއިރު، ރަށަށް އަރާ ފަތުރުވެރިންގެ ފަރާތުން ލިބޭ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި ވަނީ ރަށުގެ ކުނި ކޮށީގެ އުނދަގުލެވެ. ގިނަ އަދަދަކަށް ކުނި ޖަމާވެފައިވާ ތުލުސްދޫ ކުނިކޮށީގައި، ދޭތެރެދޭތެރެއިން އަލިފާން ރޯކުރުމުން އެތަނުން އަރާ ދުމުގެ އަސަރު މުޅި ރަށަށް ފެތުރެއެވެ. ބަލިތައް ފަތުރާ މެހީގެ އުނދަގޫ ރަށުތެރެއަށް އެހާމެ ބޮޑެވެ.

ތުލުސްދޫ ކުނިގޮނޑު – ފޮޓޯ: ޚަބަރު އޮންލައިން

 

ކުނީގެ މައްސަލައާއި ގުޅޭގޮތުން އެ ރަށު ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ ކުނީގެ މައްސަލައަކީ ވަރަށް ޒަމާންވެފައިވާ މައްސަލައެއްކަމަށެވެ. އެ މައްސަލައަށް ހައްލު ނުލިބި އޮތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ދޭތެރެ ދޭތެރެއިން ކުނިގޮނޑުގައި ކޮންމެސް ބަޔަކު އައިސް ރޯކޮށްލަފާނެ. އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށްވެސް އަދި ރައްޔިތުންނަށްވެސް އެތައް އުނދަގޫތަކާއި ކުރިމަތިވޭ"

– އަސްލަމް

އަސްލަމް އިތުރަށް ވިދާޅުވީ ތުލުސްދޫއަކީ ފަތުރުވެރި ރަށަކަށް ވާއިރު، ރަށުގައި ކުނި ޖަމާވެ، އެކަން ހައްލު ނުވެ އޮތުމުގެ ސަބަބުން ރަށަށް ޒިޔާރާތްކުރާ ފަތުރުވެރިން ހިތްހަމަ ނުޖެހުން ފާޅުކުރާކަމަށެވެ. އަދި އެކި މޫސުމުގައި ރަށުތެރެއަށް ދުމުގެ އަސަރުކޮށް ގެސްޓްހައުސްތައް ހިމެނޭ ސަރަހައްދަށްވެސް އޭގެ އުނދަގޫ ފޯރާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މީޑިއާއަށް މައުލޫމާތުދެނީ – ފޮޓޯ: ޚަބަރު އޮންލައިން

ތުލުސްދޫ ކައުންސިލުން ބުނީ އެ ރަށަށް ދިމާވެފައިވާ އިޖްތިމާއީ އެންމެބޮޑު މައްސަލަ ކަމަށްވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށް، ގިނަ މަސައްކަތްތަކެއް ކުރެވިފައި ވާކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ އެއްވެސް މަގެއް ހޯދިފައި ނުވާކަމަށް ކައުންސިލް ރައީސް އަސްލަމް ވިދާޅުވިއެވެ.

"މިކަމާއި ގުޅިގެން ޕްލޭނިން މިނިސްޓްރީއާއި އެންވަޔަރުމަންޓު މިނިސްޓްރީއާއެކު ބައްދަލުވުންތަކެއް ބާއްވައިފިން. ނަމަވެސް މިހާ ހިސާބަށް އައިރު ހައްލެއް ނުހޯދި މި އޮތީ. ކައުންސިލްގެ މެމްބަރުން ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކޮށްވެސް މިކަމުގެ ކަންބޮޑުވުން ހުށަހެޅިން. އެދެވޭ އެއްބާރުލުމެއް ނުލިބުނު."

– އަސްލަމް

ތުލުސްދޫ ކައުންސިލުން ވަނީ މިއަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކޮށް މިކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ. އެގޮތުން ކުނި ނައްތާލާނާލެ ނިޒާމެއް ނެތުމުން ރައްޔިތުންނަށް ސިއްހީ ގޮތުންނައި އިޖުތިމާއީ ގޮތުން ލިބެމުންދާ ގެއްލުންތަކާއ އުފުލަން ޖެހޭ ތަކުލީފުތަކުގެ ވާހަކަ ރައީސާ ވަނީ ހިއްސާކޮށްފައެވެ.

"ރައީސް ވިދާޅުވި 2 ހަފްތާ ތެރޭގައި ބައެއްކަންކަން، ގިނަވެގެން މަސް ދުވަސް ތެރޭގައި އެ މައްސަލަތައް ހައްލުކޮށްދެއްވާނެކަމަށް. އެހެން ނަމަވެސް މިއަދާއި ހަމަޔަށް އައިރު އެއްވެސް މަސައްކަތެއް ކުރައްވާފައެއް ނުވޭ"

– އަސްލަމް

ތުލުސްދޫގެ ކުނީގެ މައްސަލައާ ގުޅޭގޮތުން އެންވަޔަރަމަންޓު މިނިސްޓްރީން ވިދާޅުވީ އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

އެގޮތުން ތުލުސްދޫ ކުނި ކޮށި ހެދުމުގެ މަސައްކަތް މިހާރު ޓެންޑަރ ކުރެވިފައިވާކަމަށާއި ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކުނި ކޮށީގެ މަސައްކަތް ނިމުމުން ތުލުސްދޫގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަން މިނިސްޓްރީން ފާހަގަކުރައްވައެވެ.

ތުލުސްދޫ ކުނިގޮނޑު – ފޮޓޯ: ޚަބަރު އޮންލައިން

މިހުރިހާ ކަމަކަށް ބަލާއިރުވެސް ފާހަގަވާ ކަމަކީ ރައްޔިތުންގެ ސިއްހަތާއި، ދުޅަހެޔޮކަމުގެ އިތުރުން ރަށުގެ އިޤްތިސާދާ ގުޅުންހުރި މިފަދަ އިޖްތިމާއީ ކަންކަމަކީ އަވަސް ހައްލެއް ހޯދަން ޖެހޭ ކަންކަން ކަމެވެ. ނަމަވެސް ލާމަރުކަޒީ ނިޒާމަކުން ގައުމު ހިންގުމުގައި ރައްޔިތުންނާއި ގާތުން ޚިދުމަތްތައް ފޯރުކޮށްދޭން ތިބި ކައުންސިލަރުންނާއި ކައުންސިލް ތަކު ބާރުވެރިކަން މިފަދަ ކަންކަމުގައި އަދިވެސް ކުޑަކަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.