ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ރޯދަ މާރުކޭޓުން ދިވެހިންނަށް ގޮޅި ދޫކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ. މިއީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ރޯދަ މަހަށް ބޭނުންވާ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާ ޚާއްސަ ހަރަކާތެކެވެ.
މިފަހަރުގެ މާރުކޭޓުގެ އެންމެ ޚާއްސަ ކަމަކީ، މާރުކޭޓުން ދޫކުރާ ގޮޅިތަކަށް އެއްވެސް ކުއްޔެއް ނުނެގުމެވެ. އެހެންކަމުން މިއީ ވިޔަފާރިކުރާ ފަރާތްތަކަށާއި އާންމުންނަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. މި ގޮޅިތަކުގައި ވިއްކުމަށް ހުއްދަ ދީފައިވަނީ މަހުގެ ބާވަތްތަކާއި، ތަރުކާރީ އާއި މޭވާގެ އިތުރުން ދިވެހި އެކި ކާބޯތަކެތީގެ ބާވަތްތަކެވެ. މި މާރުކޭޓު ގާއިމްކޮށްފައިވަނީ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދެމެދު އޮންނަ ހުސްބިމުގައެވެ.
ގޮޅިތަކަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ވެބްސައިޓުން މިހާރު ފޯމު ލިބެން ހުންނާނެއެވެ. ގޮޅި ލިބޭ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތު ނަގައިގެންނެވެ. ފޯމު ބަލައިގަތުމާއި ގުރުއަތު ނެގުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 3:30 ގައި ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ އެޗްޑީސީގެ ކަސްޓަމަރ ކެއާ އޮފީހުގައެވެ.
އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، އެ ކޯޕަރޭޝަނުގެ އަމާޒަކީ ހުޅުމާލެއަކީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހައިން ލިބޭ، ހިތްފަސޭހަ މާހައުލަކަށް ހެދުމެވެ. އަދި މި މާރުކޭޓުގެ ސަބަބުން ރަމަޟާން މަހު ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ތާޒާ ކާބޯތަކެތި ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.
ކޮމެންޓު ފޮނުވާ