ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
މި މަހުގެ 27 ވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ސަރަޙައްދީ ހަފުލާއަކީ، ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އަދި އިންޑިއަން އޯޝަން ސަރަޙައްދަށް ޚާއްޞަކޮށްގެން ބާއްވާ ހަފުލާއެކެވެ. 1993 ވަނަ އަހަރު ތަޢާރަފުކުރި މި ޝަރަފުވެރި އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މި ފަހަރުގެ ހަފުލާގައި 40 އަށްވުރެ ގިނަ ޤައުމުގެ އިސް މަންދޫބުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ހޮޓާތަކާއި ރިޒޯޓުތަކުގެ އިސްވެރިންނާއި، ޓޫރިޒަމް ބޯޑުތަކާއި ސަރުކާރުތަކުގެ މަންދޫބުންގެ އިތުރުން، މި ދާއިރާގެ އިންވެސްޓަރުންނާއި، އެއަރލައިންތަކާއި އޭވިއޭޝަން ދާއިރާގެ އިސް ފަރާތްތަކާއި ބައިނަލްއަޤްވާމީ ޓްރެވަލް މީޑިއާ ހިމެނެއެވެ.
މި ހަފުލާ ރާއްޖޭގައި އެންމެ ފަހުން ބާއްވާފައި ވަނީ 10 އަހަރު ކުރިންނެވެ. ބީއެމްއެލް އިން ވިދާޅުވި ގޮތުގައި، މިފަދަ ޝަރަފުވެރި ހަފުލާއެއްގައި ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ.
ބީއެމްއެލް އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ސަބަބުން، ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއެކު ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ބީއެމްއެލްއަށް ފަހިވެގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ސިނާޢަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ދޭ އިސްކަން ހާމަކޮށްދޭ ބައިވެރިވުމެއް ކަމުގައިވެސް އެ ބޭންކުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ