ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލުކުރައްވައިފި

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލުކުރައްވައިފި

Author
އަހުމަދު
22 ސެޕްޓެމްބަރ 2026 04:16
0

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ މިއަދު ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން ބޭއްވިފައިވަނީ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގަ އެވެ.

ބައްދަލުކުރެއްވުމުގައި ނައިބުރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކޮންމެ ދުވަހަކުވެސް ރާއްޖެއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ ކަމަށާއި، މިކަމުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް ބޮޑެތި ހުރަސްތަކެއް އެޅެމުންދާ ކަމަށެވެ. ހަމައެއާއެކު، މޫސުމީ މައްސަލަތަކާއި ކުދި ޖަޒީރާ ޤައުމުތަކުގެ ދަތިތަކުގައި ސެކްރެޓަރީ ޖެނެރަލް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ނައިބުރައީސް ޝުކުރު އަދާކުރެއްވި އެވެ.

ރާއްޖެއިން މުހިންމުކަން ދޭ ދާއިރާތައް ކަމަށްވާ މޫސުމީ ވިލުންތެރިކަމާއި، ދަރަނީގެ ދެމެހެއްޓެނިވިކަމާއި، އެންޓިގުއާ އެންޑް ބާބިއުޑާ އެޖެންޑާ (އޭބީއޭއެސް) ތަންފީޒުކުރުމާއި، އދ. އިސްލާހުކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ޖަވާބުގައި ސެކްރެޓަރީ ޖެނެރަލް ވަނީ ރާއްޖެއަށް ކުރިމަތިވަމުންދާ މޫސުމީ ގޮންޖެހުންތަކަށް ހަމްދަރުދީވެވަޑައިގަނެ، މިކަމުން އަރައިގަތުމަށް އދ. ގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މީގެއިތުރުން، ސަރަޙައްދީ މައްސަލަތަކާއި ޚާއްޞަކޮށް ފަލަސްޠީނުގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.