ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިސްވެ ހުންނަވައި، އެ ޕާޓީގެ 16 މެންބަރުންގެ ވަފުދެއް ރަސްމީ ދަތުރެއްގައި ހޯމަ ދުވަހު ޕާކިސްތާނަށް ފުރައިވަޑައިގެންފި އެވެ.
ޕީއެންސީން ބުނީ، މި ވަފުދުގައި ޢަބްދުއްރަޙީމްގެ އިތުރުން، އެ ޕާޓީގެ ނައިބު ރައީސް އަދި ޕާލިމެންޓްރީ ގްރޫޕުގެ އިސް ނައިބު ލީޑަރު އިބްރާހީމް ޝުޖާޢު ހިމެނިވަޑައިގަންނަވާ ގޮތަށް، ޕާޓީގެ 15 މެންބަރުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
މި ދަތުރަކީ ޕާކިސްތާނުގެ ޕާލިމެންޓުގެ ދަޢުވަތަކަށް ކުރައްވާ ދަތުރެއް ކަމަށް ޕީއެންސީން މަޢުލޫމާތުދެ އެވެ. މި ދަތުރުގައި ވަފުދުން ޕާކިސްތާނުގެ ޕާލިމެންޓުގެ މެންބަރުންނާ ބައްދަލުކުރައްވައި، ތަޖުރިބާ އާއި ޚިޔާލު ބަދަލުކުރައްވާނެ ކަމަށް ވެސް ޕީއެންސީން ވަނީ ބުނެފަ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޢަބްދުއްރަޙީމް ވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ވެސް ޕާކިސްތާނަށް ރަސްމީ ދަތުރެއް ކުރައްވައި، އެ ޤައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.
ކޮމެންޓު ފޮނުވާ