ޕެންޝަން އޮފީހުގެ ބޯޑުގެ ނިންމުމަށް ނަޝީދުގެ ފާޑުކިއުން

ޕެންޝަން އޮފީހުގެ ބޯޑުގެ ނިންމުމަށް ނަޝީދުގެ ފާޑުކިއުން

Author
ޙަސަން މުޙައްމަދު
03 ފެބްރުއަރީ 2026 04:25
0

ޕެންޝަން ފަންޑު އުފެއްދި މައިގަނޑު މަގުސަދާ ޚިލާފަށް، އެ ފަންޑުން ފައިސާ ނަގައިގެން ސަރުކާރުގެ ޚަރަދުތައް ހަމަޖެއްސުމަށް ބޭނުންކުރުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތު ހަލާކުވެގެން ހިނގައިދާނެކަމުގެ އިންޒާރު ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ދެއްވައިފިއެވެ.

މި މައްސަލަ ހޫނުވެފައިވަނީ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށްފަހު، އެ ފައިސާ އަނބުރާ ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތެއް ހިންގަން ސަރުކާރުން މަސައްކަތްކުރުމާ ގުޅިގެންނެވެ. މިކަމާ ދެކޮޅު ހެއްދެވުމުގެ ގޮތުން އިހުތިޖާޖު ކުރައްވައި، ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒާއި، އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރައްވާ ބޯޑު މެންބަރު ސަރުވަޝް އާދަމްގެ އިތުރުން އެ އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެ ބޭފުޅުން އިސްތިއުފާ ދެއްވާފައިވަނިކޮށް، މިހާރު އޮތް ޕެންޝަން އޮފީހުގެ ބޯޑުން ސަރުކާރުން ބޭނުންވި ގޮތަށް އެ ފައިސާ ބޭނުންކުރުމަށް ފާސްކޮށްފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް، ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ މިފަދަ ބޮޑު ނިންމުމަކާ ގުޅޭގޮތުން ޕެންޝަން އޮފީހުން އިސްވެ މައުލޫމާތު ހާމަކޮށްފައި ނުވާއިރު، ނޫސްވެރިން ގުޅައި ސުވާލުކުރުމުން ވެސް އެކަން ދޮގުކޮށް ނުވަތަ ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ތައާރަފްކުރި ޕެންޝަން ގާނޫނަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ސޯޝަލް މީޑިއާގައި ވިދާޅުވީ، އެ ފަންޑަކީ ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ މުސާރައިން ކަނޑާ 14 އިންސައްތަ ޖަމާކޮށްގެން، ދޮށީ އުމުރުގައި ޕެންޝަން ދިނުމަށް ރައްކާކުރާ ފައިސާ ކަމަށެވެ. އެހެންކަމުން، އެ ފައިސާ އިންވެސްޓް ކުރަންވާނީ ފައިދާވާ ރަނގަޅު ކަންކަމަށް ކަމަށާއި، ސަރުކާރުގެ މުސާރަ ދިނުމަށާއި ރިކަރަންޓް ޚަރަދުތައް ހަމަޖެއްސުމަށް އެ ފައިސާ ބޭނުންކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިހާރު ފެންނަމުންދާ މަންޒަރަކީ "ކަނު ބަނދެވި ތިބެ، އަނދަވަޅަކަށް ވެއްޓުން" ފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ރާއްޖޭގެ މާލިއްޔަތު ހަލާކުނުކުރުމަށް ނަޝީދު ވަނީ އިލްތިމާސްކުރައްވާފައެވެ. ރާއްޖޭގައި މަސައްކަތްކުރާ އެންމެހާ ރައްޔިތުންގެ ހައްގާ ގުޅިފައިވާ ޕެންޝަން ފަންޑު މިގޮތަށް ބޭނުންކުރަން އުޅޭތީ މާލީ އަދި ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ވެސް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ބައެއް ބޭފުޅުން ސިފަކުރައްވާ ގޮތުގައި މިއީ ފައިސާ ޗާޕްކުރުން ފަދަ ނުރައްކާތެރި އަދި ޕެންޝަން ފަންޑަށް ވެވޭ ބޮޑު އިހުމާލެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.