އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައިވާއިރު، އިންތިޚާބުގެ ޓައިމްލައިން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަދިވެސް އާންމުނުކޮށް އޮތުމަކީ ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ދެމުންދާ ޖާގައެއް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކައުންސިލް އިންތިޚާބާ ގުޅޭ އެ ޕާޓީގެ ތަރުޖަމާނު ޢަބްދުالله ވަޙީދު ވިދާޅުވީ އީސީން މަސައްކަތް ކުރަމުންދަނީ ސީދާ ސަރުކާރުގެ ނުފޫޒަށް ތަބާވެގެން ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދެވޭނެ އެންމެ ފަހު ތާރީޚާއި، ގުރުއަތު ނެގުން އޮންނާނެ ދުވަހެއް ނޭނގި އޮތުމަކީ އިންތިޚާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ ކަމެކެވެ. ވަޙީދު ތުހުމަތުކުރެއްވި ގޮތުގައި މި މުއްދަތުތައް ހާމަނުކޮށް ލަސްކުރަމުންދަނީ، ސަރުކާރުން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމަށާއި، ވާދަވެރި ކެންޑިޑޭޓުންގެ ނަން ނެގުވުމަށް ވަގުތު ހޯދައިދިނުމުގެ ބޭނުމުގައެވެ.
މިހާރުވެސް ބައެއް ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް އެދި، ވެރިކަންކުރާ ޕީއެންސީން ބޮޑެތި ހުށަހެޅުންތައް ހުށަހަޅަމުންދާ ކަމަށް އެމްޑީޕީން ބުނެއެވެ. މީގެ އިތުރުން، ބައެއް ރަށްރަށުގެ ކައުންސިލް ގޮނޑިތަކަށް އޮޓޮމެޓިކުން ހޮވިފައިވާ ކެންޑިޑޭޓުންގެ މައުލޫމާތު، އީސީން ރަސްމީކޮށް ހާމަކުރުމުގެ ކުރިން ޕީއެންސީން އިއުލާނުކުރަމުންދާ މައްސަލަވެސް ވަޙީދު ވަނީ ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީން އިންތިޚާބަށް ނުކުންނަނީ ލާމަރުކަޒީ ނިޒާމު ހިމާޔަތްކުރުމަށް ކަމަށް ވީނަމަވެސް، ޕީއެންސީގެ އަމާޒަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަތްޕުޅަށް ހުރިހާ ބާރެއް ޖަމާކުރުން ކަމަށެވެ.
އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން "ހޭވައްލާ ތައްޔާރު" ގެ ނަމުގައި ރޭ އެމްޑީޕީން ވަނީ ޚާއްސަ ކެމްޕެއިނެއް ފަށައި، މެނިފެސްޓޯގެ ފުރަތަމަ ތަނބު އިފްތިތާހުކޮށްފައެވެ. މިގޮތުން އަންނަ ހަފުތާގައި ރާއްޖޭގެ އުތުރުގައި މެނިފެސްޓޯގެ ދެވަނަ ތަނބު އިފްތިތާހުކުރުމަށް ހަމަޖެހިފައިވާއިރު، މި މަހުގެ 12 ވަނަ ދުވަހު މާލޭގައި ބާއްވާ ބޮޑު ޖަލްސާއެއްގައި މުޅި މެނިފެސްޓޯ އެއްކޮށް އާންމުކުރާނެ ކަމަށް ވަޙީދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ