އަންހެން ކުދިންނާއި ޒުވާން އަންހެނުން ލީޑަރުންގެ ގޮތުގައި ތައްޔާރުކުރުމަށް ބޭނުންވާ ފުރުސަތުތައް ސަރުކާރުން ތައްޔާރުކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ލިއުއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އަންހެން ކުދިންގެ ހުނަރާއި ގާބިލުކަން ފުރިހަމައަށް ބޭނުންކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ. ރައްކާތެރި އަދި އެހީތެރިވެދޭ މާހައުލެއް ގާއިމުކޮށް، ގައުމު ކުރިއެރުވުމުގައި އަންހެނުންނަށް މާނަހުރި ދައުރެއް އަދާކުރެވޭނެ ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރު ކަނޑައެޅިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި އަމާޒުތައް ހާސިލުކުރުމަށް އާއިލާތަކާއި މުޖުތަމައާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވި ރައީސް، އަންހެން ދަރިންނަށް މިއަދު ކުރާ އިންވެސްޓަކީ ހަމަހަމަކަން ހުރި، ފާގަތި މާދަމާއަކަށް ކުރާ މުހިންމު އިންވެސްޓެއް ކަމުގައި ސިފަކުރެއްވިއެވެ.
ކޮންމެ އަހަރަކު އޮކްޓޫބަރު 11 ގައި ފާހަގަކުރާ މި ދުވަހުގެ މިއަހަރުގެ ޝިއާރަކީ ކުޑަކުދިން ކައިވެނިކުރުން ނިމުމަކަށް ގެނައުމާއި އަންހެން ކުދިންގެ ހައްގުތަކަށް އިންވެސްޓްކުރުމެވެ.
ކޮމެންޓު ފޮނުވާ