އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Author
ހުސައިން
03 ފެބްރުއަރީ 2026 07:34
0

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ހިންގުމާ ހަވާލުވެ ހުންނަވާ އެންމެ އިސްވެރިޔާ ނުވަތަ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ. މި މަގާމަށް މީހަކު ހޯދުމަށް އިއުލާނުކޮށްފައި މިވަނީ، ފާއިތުވި ނުވަ އަަހަރު ދުވަހު އެ މަގާމު ފުރުއްވި މައިމޫނާ އަބޫބަކުރު މަގާމުން ރިޓަޔަރ ކުރެއްވުމާ ގުޅިގެން، އެ މަގާމު ހުސްވުމުންނެވެ.

މި މަގާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކަށް ބަލާއިރު، އަސާސީ މުސާރައިގެ ގޮތުގައި މަހަކު 21,884 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 12,534 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ހާޒިރީ އެލަވަންސްގެ ގޮތުގައި ދުވާލަކަށް 339 ރުފިޔާ ހަމަޖެހިފައިވާއިރު، ހުރިހާ އެލަވަންސްތަކާއެކު ޖުމްލަ މުސާރައިގެ ގޮތުގައި މަހަކު 41،876 ރުފިޔާ ލިބޭނެކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި ހިނގާ މަހުގެ 11 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ކުރިމަތިލުމަށް ކޮމިޝަނުން ވަނީ އެދިފައެވެ.

ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތުގެ ދާއިރާއިން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. ނުވަތަ ލެވެލް 9 ގެ ސަނަދަކާއެކު 8 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތްތަކަށްވެސް މި މަގާމަށް ކުރިމަތިލެވޭނެއެވެ. މީގެ ތެރެއިން ކޮންމެ ގޮތަކަށް ޝަރުތު ހަމަވި ނަމަވެސް، ހިންގުމުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ހުރުމަކީ މަގާމުގެ އަސާސީ ޝަރުތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.