މެދުއިރުމަތީގައި ދާއިމީ ސުލްހައެއް ގާއިމުވާނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދިގެން ކަމަށާއި، އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް ދެ ދައުލަތުގެ ހައްލު ފިޔަވައި އެހެން އިޚްތިޔާރެއް ނެތް ކަމަށް އދ.ގެ އަމީން އާންމު އެންޓޯނިއޯ ގުޓެރޭޝް ވިދާޅުވެއްޖެއެވެ.
އދ.ގައި ދެއްކެވި ވާހަކަފުޅެއްގައި، އަދި އެ ވާހަކަފުޅުގެ ވީޑިއޯއާއެކު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ގުޓެރޭޝް ވިދާޅުވީ، ސަރަހައްދީ އިސްތިޤުލާލު ލިބިގެންވާ، މިނިވަން، ދިމިގްރާޓީ ދެ ދައުލަތެއްގެ ގޮތުގައި އިސްރާއީލާއި ފަލަސްތީނު ރައްކާތެރިކަމާއެކު އެކުގައި ދިރިއުޅުމަކީ މުޅި ސަރަހައްދަށް ހަމަޖެހުން ގެނެވޭނެ ހަމައެކަނި މަގު ކަމަށެވެ. ބައިނަލްއަގުވާމީ ގާނޫނާއި އދ.ގެ ގަރާރުތަކަށް ބިނާކުރެވިފައިވާ ސިޔާސީ އޮނިގަނޑަކަށް އެއްބަސްވުމަށް ދުނިޔޭގެ ވެރިންނަށް ވެސް އޭނާ ގޮވާލެއްވިއެވެ. އދ.ގެ މަޤާމަކީ 1967 ގެ ކުރީގެ ބޯޑަރުތަކަށް ބިނާކޮށް، ގުދުސް ދެ ދައުލަތުގެ ވެރިރަށަކަށް ހަދައިގެން ދެ ދައުލަތް ގާއިމުކުރުމެވެ.
ހުޅަނގު ކަރައިގައި އިސްރާއީލުން ކުރިއަށް ގެންދާ ޣައިރުގާނޫނީ ވަޒަންވެރިކަމާއި، ވަޒަންވެރިންގެ އަނިޔާއާއި، ބިން ފޭރުމާއި، ހުޅަނގު ކަރަ އިސްރާއީލާ ގުޅާލުމަށް ދޭ އިންޒާރުތަކަކީ ފަލަސްތީނު ދައުލަތެއް އުފެދުމަށް ހުރަސްއަޅާ ކަންކަން ކަމަށް ގުޓެރޭޝް ފާހަގަކުރެއްވިއެވެ. ޣައްޒާއާއި އިރުމަތީ ގުދުސް ހިމެނޭ ހުޅަނގު ކަރަ، އެއް ފަލަސްތީނު ސަރުކާރެއްގެ ދަށުގައި އެއްކޮށް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބައިނަލްއަގުވާމީ މުޖުތަމަޢުން ހަމައެކަނި ބަހުން ތާއީދުކުރުމުގެ ބަދަލުގައި، ފަލަސްތީނުގެ މުއައްސަސާތަކަށް މާލީ އެހީ ފޯރުކޮށްދީ، ވަޒަންވެރިކަން ހުއްޓުވުމަށް އަމަލީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ގުޓެރޭޝް ގޮވާލެއްވިއެވެ.
ކޮމެންޓު ފޮނުވާ