ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ފަރޓިލިޓީ ސެންޓަރުގެ އައިވީއެފް ފަރުވާ މެދުވެރިކޮށް ކާމިޔާބުކަމާއެކު ދެ ކުދިން އުފަންވެ، ރާއްޖޭގެ ދަރިމައިވުމުގެ ސިއްޙަތުގެ ދާއިރާއަށް ތާރީޚީ ކުރިއެރުމެއް ލިބިއްޖެއެވެ. މިއީ ދަރިމައިވުމުގެ މައްސަލަތައް ދިމާވެ، އުއްމީދު ގެއްލިފައި ތިބި އާއިލާތަކަށް ލިބުނު އާ އުއްމީދެކެވެ. މި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.
އާސަންދައިގެ ދަށުން ޚިދުމަތް ދިނުމަށް 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވި މި ސެންޓަރަށް އަހަރެއް ވެފައިވާއިރު، މިހާތަނަށް 578 ދެމަފިރިއަކު ވަނީ ފަރުވާއަށް އެދި ޑޮކްޓަރަށް ދައްކާފައެވެ. ހޮސްޕިޓަލުން ހާމަކުރާ ގޮތުގައި އައިވީއެފް ހެދުމަށް ހޮވުނު މީހުންގެ ތެރެއިން ފަރުވާ ފުރިހަމަކޮށް، 23 އަންހެނުން މިހާރު ވަނީ ބަނޑުބޮޑުވެފައެވެ. މީގެ އިތުރުން ކެންސަރު ބަލީގެ މީހުންނަށް ފަރުވާއަށްފަހު ދަރިމައިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް "ފަރޓިލިޓީ ޕްރިޒަވޭޝަން" ގެ ޚިދުމަތްވެސް އެ ސެންޓަރުން ވަނީ ފޯރުކޮށްދީފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސެންޓަރުގެ އޮފިޝަލުން ވިދާޅުވީ، މާލޭގެ އިތުރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތަކަށް މި ޚިދުމަތް ފުޅާކޮށް، ރައްޔިތުންނާ ގާތުން ފަރުވާ ލިބޭނެ ނިޒާމެއް ޤާއިމުކުރުމަށް ރާވަމުންދާ ކަމަށެވެ. ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު އައިވީއެފް އަދި އައިޔޫއައިގެ ޚިދުމަތް ލިބިގެންދިއުމަކީ، ދަރިމައިވުމުގެ ދަތުރުގައި އާއިލާތަކުން އުފުލަމުންދިޔަ މާލީ އަދި ނަފްސާނީ ތަކުލީފުތަކަށް ނިމުމެއް ގެނުވި ކަމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.
ކޮމެންޓު ފޮނުވާ