އެޕްސްޓީންގެ ކުށްތައް އެގިފައެއް ނެތް، ބައްދަލުވީ ރަސްމީކޮށް: ރައީސް ވަހީދު

އެޕްސްޓީންގެ ކުށްތައް އެގިފައެއް ނެތް، ބައްދަލުވީ ރަސްމީކޮށް: ރައީސް ވަހީދު

Author
އަހުމަދު
03 ފެބްރުއަރީ 2026 07:34
0

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ބްލެކްމެއިލް ކުރުން ފަދަ ޖަރީމާތައް ހިންގިކަން ފަޅާއަރާފައިވާ އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓީންއާއެކު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބޭއްވެވި ގުޅުމަކީ، އޭނާގެ އެފަދަ މުޑުދާރު އަމަލުތަކުގެ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާތީ ބޭއްވެވި ރަސްމީ ގުޅުމެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވައި ރައީސް ވަހީދުގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެޕްސްޓީންއާ އެކު މުއާމަލާތް ކުރެއްވީ ހަމައެކަނި ރަސްމީ ހައިސިއްޔަތުން ކަމަށާއި، ޖުމްލަ ދެ ފަހަރެއްގެ މަތިން އޭނާއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެޕްސްޓީން ބޭއްވި އެއްވެސް ޕާޓީއެއްގައި ނުވަތަ އެނޫންވެސް ހަރަކާތެއްގައި ރައީސް ވަހީދު އަދި އެމަނިކުފާނުގެ އާއިލާގެ އެއްވެސް ބޭފުޅަކު ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމުގެ ޔަގީންކަން އެ ބަޔާނުގައި ދެއްވާފައިވެއެވެ. އޭގެ އިތުރުން އޭނާ ހިންގި އެއްވެސް ލާއިންސާނީ އަމަލެއްގައި އެމަނިކުފާނުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.

އެޕްސްޓީންގެ މައްޗަށް 2008 ވަނަ އަހަރު ޖަލު ހުކުމެއް އައިސްފައިވާކަން ނުވަތަ އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރެވިފައިވާކަން އޭރު އެނގިވަޑައިގެންފައި ނުވާކަމަށް ވިދާޅުވެ، ރައީސް ވަހީދު ވަނީ އެފަދަ މައުލޫމާތެއް ލިބިވަޑައިގެންފައިވާނަމަ އެއްވެސް މިންވަރަކަށް ގުޅުމެއް ނުބޭއްވީސް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާރު ހަގީގަތް ހާމަވުމުން، އެފަދަ މީހަކާ މުއާމަލާތް ކުރެވުނީތީ ހިތާމަކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެޕްސްޓީންގެ އަމަލުތަކަކީ އެންމެންވެސް ދެކޮޅު ހަދަންޖެހޭ މުޑުދާރު އަމަލުތަކެއްކަން ފާހަގަކުރައްވައި، އޭނާއާއެކު ގުޅުން ބޭއްވިކަން ހާމަވުމާ ގުޅިގެން ރައީސް ވަހީދު މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.