ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ނޭޝަނަލް ފަޓިލިޓީ ސެންޓަރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، އެ ސެންޓަރުން ހޯދާފައިވާ ކާމިޔާބީތައް ހާމަކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ހާމަކުރެއްވި ގޮތުގައި، ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އެ ސެންޓަރުން އައިވީއެފް ފުރިހަމަކޮށް، 23 އަންހެނަކު ވަނީ ކާމިޔާބުކަމާއެކު ބަލިވެއިނދެފައެވެ.
މި ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ދަރިމައިވުމުގެ މައްސަލަތައް ހުންނަ 578 ދެމަފިރިއަކަށް ވަނީ ކޮންސަލްޓޭޝަން ދީފައެވެ. އޭގެ ތެރެއިން 96 ފަރާތެއް ފަރުވާއަށް ހޮވާފައިވާއިރު، 86 މީހެއްގެ ބިސް ނަގައި، 68 އަންހެނެއްގެ ރަހިމުގައި ވަނީ ކާމިޔާބުކަމާއެކު އެމްބްރިއޯ ހަރުލައްވާފައެވެ. މި ފަރުވާގެ ނަތީޖާއެއްގެ ގޮތުން މިހާރު 23 މީހަކު ވިހެއުމުގެ އިންތިޒާރުގައި ތިބިއިރު، މިދިޔަ މަހުގެ 7 ވަނަ ދުވަހު ވަނީ މި ސެންޓަރުން ފަރުވާ ހޯދި ފުރަތަމަ މީހާ ވިހާފައެވެ. އަދި މިހާތަނަށް ޖުމްލަ ދެ ކުދިން ވަނީ ދުޅަހެޔޮކަމާއެކު އުފަންވެފައެވެ.
ސެންޓަރުން ފަރުވާ ދިނުމުގައި ގެންގުޅޭ އުސޫލުތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް، ވަރަށް ތަރުތީބުން ކުރިއަށް ގެންދާ ކަންތައްތަކެކެވެ. ފުރަތަމަ މަރުހަލާގައި ދެމަފިރިންނަށް ކައުންސެލިންގ ދިނުމަށްފަހު، ދަރިމައިވުމަށް ހުރަސްއަޅާ ސަބަބުތައް ދެނެގަނެއެވެ. އެއަށްފަހު އެންމެ ދުޅަހެޔޮ ބިހާއި ދަރިފަނި ނަގައި ގުޅުވައިލުމަށްފަހު، މައިމީހާގެ ރަހިމުގައި އަށަގެންނެވުމަށް ބަހައްޓައެވެ. ބަލިވެއިންނަ ހިސާބުން ފެށިގެން ވިހެއުމާ ހަމައަށް ވެސް މަންމައާއި ދަރިފުޅުގެ ހާލަތު ޑޮކްޓަރުންގެ ޓީމުން ވަރަށް ގާތުން ބަލަމުން ގެންދާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
މިއީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި މައްސަލަތަކަށް ޒަމާނީ ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި 15 ނޮވެމްބަރު 2024 ގައި ހުޅުވި ސެންޓަރެކެވެ. ގިނަ ދިވެހިން ތަހައްމަލުކުރަމުންދާ މި ހިތްދަތިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، އާސަންދަ މެދުވެރިކޮށް އައިވީއެފްގެ ޚިދުމަތް ލިބޭނެ އިންތިޒާމު ވެސް ސަރުކާރުން ވަނީ ހަމަޖައްސަވައިދެއްވާފައެވެ.
ކޮމެންޓު ފޮނުވާ