ޔުއެފާ ނޭޝަންސް ލީގު ގްރޫޕް ބީ އެކެއްގައި ޔޫކްރެއިނާ ދެކޮޅަށް ކުޅުނު މެޗު ސްކޮޓްލަންޑުން ކާމިޔާބުކޮށްފިއެވެ.
ސްކޮޓްލަންޑްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މިއީ ފީފާ ވޯލްޑް ކަޕް ކޮލިފައިންގ ޕްލޭ އޮފްގައި ޔޫކްރެއިން އަތުން ބަލިވެގެން ސްކޮޓްލަންޑް ކެޓިފަހުން މިދެޓީމްގެ މެދުގައި ކުޅެވުނު ފުރަތަމަ މެޗެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޔޫކްރެއިން އިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ސްކޮޓްލަންޑުންނެވެ.
މިމެޗްގެ ފުރަތަމަ ހާފްގައި ލަނޑެއް ފެނިގެންނުދިޔައިރު މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 70 ވަނަ މިނެޓްގައި ސްކޮޓްލަންޑަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޖޯން މެކްގިންއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު އޭގެ 10 މިނެޓްފަހުން ޖަހާދީ ލިޑު ފުޅާކޮށްދިނީ ލިންޑަން ޑައިކްސްއެވެ. އަދި މެޗްގެ 87 ވަނަ މިނެޓްގައި ސްކޮޓްލަންޑްގެ ފަހު ލަނޑު ޖަހާދިނީވެސް ޑައިކްސްއެވެ.
މިކާމިޔާބީއާއެކު ސްކޮޓްލަންޑް މިހާރު މިވަނީ ގްރޫޕް ބީ ވަންގެ ތާވަލްގެ އެއްވަނައަށް އަރާފައެވެ. އެއީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކުއެެވެ. ކުރިން އެއްވައިގާ އުޅުނު ޔޫކްރެއިން މި ނާކާމިޔާބީއާއެކު މިވަނީ ހަތް ޕޮއިންޓާއެކު ދެވަނައަށް ފަހަތަށް ޖެހިލާފައެވެ. އަދި މިހާރު ކޮންމެ ޓީމަކަށް ބާކީ ދެމެޗް އޮތް އިރު ގްރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު ސްކޮޓްލަންޑަށް މިވަނީ އިތުރު ވެގެން ގޮސްފައެވެ.