ޔުއެފާ ނޭޝަންސް ލީގގެ ގްރޫޕް އޭ ތިނެއްގައި ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލާ ގާތަށް ހަންގޭރީ ޖެހިލައިފިއެވެ.
ޖަރުމަނުވިލާތުގައި ކުޅުނު މި މެޗް ހަންގޭރީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޖަރުމަނުންނެވެ. މިއާއެކުވެސް އެޓީމަށް ހަންގޭރީ ކޮޅަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މެޗްގައި ހަންގޭރީން ކާމިޔާބުކުރި ހަމައެކަނި ލަނޑު 17 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޑަމް ސްޒަލާާއިއެވެ. އޭނާވަނީ އަންނަ ހޯމަދުވަހު ކުޅޭ ނޭޝަންސް ލީގުގެ ގްރޫޕް މަރުހަލާގެ ފަހު މެޗަށްފަހު ރިޓަޔަރ ކުރާކަންވެސް ހާމަކޮށްފައެވެ. މި މެޗްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެން ގޮސްފައިވެއެވެ.
މި ކާމިޔާބީއާއެކު ހަންގޭރީއަށް މިހާރު އުޅެނީ ކުޅުނު ފަސް މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. އަދި ފަހު މެޗްގައި މިއަންނަ ހޯމަދުވަހު އިޓަލީވިލާތާއި އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ބަލިނުވެ ފަރުޖައްސައިފި ކަމަށްވާނަމަ އެޓީމް ފައިނަލަށް ދަތުރު ކުރާނެއެވެ.
2018 ވަނަ އަހަރު ފެށި ނޭޝަންސް ލީގުގައި ހަންގޭރީއިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން ލީގް ސީއިން ފެށި ހަންގޭރީ ވަނީ މިހާރު ޖެހިޖެހިގެން ދެ ޕްރޮމޯޝަން ހޯދާ ލީގް އޭގެވެސް ފައިނަލާއި ގާތަށް ޖެހިލާފައެވެ. އަދި މިހާރުވެސް މިވަނީ ޔޫރަޕްގެ ގަދަ ބާރުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ޖަރުމަނުވިލާތާއި އިންގްލަންޑް އަދި އިޓަލީވިލާތް ހިމެނޭ ގްރޫޕެއްގެ އެއްވަނައިގައެވެ.
ނަމަވެސް ބައެއް ފަރާތްތަކުން ސިފަ ކުރާގޮތުގައި ވާރލްޑް ކަޕަށް ކޮލިފައިވެފައިވާ ބައެއް ޓީމްތަކުގެ ފަރާތުން އެންމެ މޮޅު ކުޅުން ފެނިގެން ނުދަނި އެޓީމްތަކުގެ ކުޅުންތެރިން ވޯލްޑްކަޕް މިހާ ގާތް ވެފައިވަނިކޮށް އަނިޔާވާ ބޭނުން ނުވާތީއެވެ.