ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް މުޙައްމަދު އަނަސްއަށް މަޖިލީހުން ރުހުން

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް މުޙައްމަދު އަނަސްއަށް މަޖިލީހުން ރުހުން

Author
ހުސައިން
15 އޭޕްރިލް 2025 06:57
0

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަނުކުރެއްވި ގއ. ދެއްވަދޫ ދޭލިޔާގޭ މުޙައްމަދު އަނަސްއަށް މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ.

މި މަޤާމަށް މުޙައްމަދު އަނަސް ޢައްޔަނުކުރެއްވީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. ޕީސީބީގެ ރައީސްކަމަށް އޭނާ ޢައްޔަނުކުރެއްވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ ދިރާސާކުރެއްވީ މަޖިލީހުގެ އެސްއޯއީ ކޮމިޓީންނެވެ. އެ ކޮމިޓީން އަނަސްއަށް 87 މާކްސް ދެއްވައި، އޭނާއަކީ އެ މަޤާމަށް ޤާބިލު ބޭފުޅެއްކަމަށް ވަނީ ނިންމަވާފައެވެ.

މަޖިލީހުގައި މިއަދު ބޭއްވުނު ވޯޓުގައި 82 މެންބަރުން ވޯޓު ދެއްވައިގެން، އަނަސް އެ މަޤާމަށް ޢައްޔަނުކުރެއްވުމަށް މަޖިލީހުގެ ރުހުން އޮތްކަމަށް ވަނީ ފާސްކޮށްފައެވެ.

މި މަޤާމަށް އަނަސް ޢައްޔަނުކުރެއްވީ، ކުރިން ޕީސީބީގެ ރައީސްކަމުގައި ހުންނެވި ހަމްދީ އަގީލް ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހު އެ މަޤާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

މުޙައްމަދު އަނަސްއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ މާލީ ވުޒާރާގެ ނައިބުކަމާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި، އަދި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރުކަމުގެ މަޤާމުތައް ފުރުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.