ސްކޮޓްލެންޑުން ވަރުގަދަ ސްޕެއިން ބަލިކޮށްފި

ސްކޮޓްލެންޑުން ވަރުގަދަ ސްޕެއިން ބަލިކޮށްފި

Author
މުޙައްމަދު ޝަޒައިމް
29 މާރޗް 2023 09:31
0

ޔޫރޯ ކޮލިފައިން ގްރޫޕް އޭގައި އަމިއްލަ ދަނޑުގައި ވަރުގަދަ ސްޕެއިން 2-0 ގެ ނަތީޖާއަކުން ބަލިކޮށް ސްކޮޓްލޭންޑް އިން ގުރޫޕްގެ ދެވަނައިގައި ހަމަޖެހިލައިފިއެވެ.

މިރޭގެ މެޗަކީ 1984 ވަނަ އަހަރުގެ ފަހުން ސްކޮޓްލޭންޑަށް ސްޕެއިންގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. އަދި މި ދެޓީމު އެންމެ ފަހުން ވާދަކޮށްފައިވަނީ 2011 ވަނަ އަހަރު އެވެ. އެ މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޕެއިންއެވެ. ރޭގެ ކާމިޔާބީއާ އެކު، ބައިނަލްއަގުވާމީ ލެވަލްގައި ސްކޮޓްލެންޑުން މި ވަނީ ތިން ވަނަ ފަހަރަށް ސްޕެއިންގެ މައްޗަށް ކުރިހޯދައިފައެވެ.

ސްކޮޓްލެންޑްގެ ހެމްޕްޑަން ޕާކުގައި ރޭ ކުޅުނު މެޗުގެ ހަތް ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގިއެވެ. މި ލަނޑު ޖެހީ ސްކޮޓް މެކްޓޮމިނޭއިއެވެ. ސްކޮޓްލެންޑްގެ އެންޑީ ރޮބަޓްސަން ދިން ބޯޅައެއް މެކްޓޮމިނޭއި ފޮނުވާލިއިރު، ގޯލަށް އެ ބޯޅަ ވަނީ ސްޕެއިނުގެ އިނީގޯ މާޓީނޭޒް ގައިގައި ޖެހިފައެވެ. ސްކޮޓްލެންޑަށް ލީޑުފުޅާކޮށްދޭން ރަޔާން ކްރިސްޓީ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅުގައި، މެކްޓޮމިނޭއި ވަނީ އިތުރު ގޯލެއް ޖަހައި، ސްކޮޓްލެންޑަށް މެޗުގެ ކޮންޓްރޯލް ހޯދައިދީފަ އެވެ. މެކްޓޮމިނޭ، ވާތުފައިން ފޮނުވާލި ބޯޅަ ސްޕެއިންގެ ކީޕަރު، ކެޕާ އަރިއްޒަބަލާގާ އަށް ނުހުއްޓުވުނެވެ. މިއީ 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުން، ޔޫރޯ ކޮލިފައިންގެ މެޗަކުން ސްޕެއިން ބަލިވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޔޫރޯ ކޮލިފައިންގައި ސްޕެއިން ކުޅުނު 19 މެޗުގެ ތެރެއިން 17 މެޗުން ވަނީ މޮޅުވެފައެވެ.

އަނެއްކޮޅުން، މިއީ 2007 ވަނަ އަހަރު ފްރާންސް ބަލިކުރި މެޗަށް ފަހު، އެއް މެޗެއްގައި ސްކޮޓްލެންޑް ފުޓްބޯޅައިގައި ނެރުނު އެންމެ ރަނގަޅު ނަތީޖާއެވެ. ސްކޮޓްލެންޑުން މި ވަނީ 2007 ވަނަ އަހަރުގެ ފަހުން، ފުރަތަމަ ފަހަރަށް އަމިއްލަ ގައުމުގައި ޖެހިޖެހިގެން ކުޅުނު ބައިނަލްއަގުވާމީ ފަސް މެޗުން މޮޅުވެފައެވެ.

ކޮލިފައިން ގްރޫޕް އޭގެ އެއް ވަނައިގައި ސްކޮޓްލެންޑް އޮތީ ދެ މެޗުން ވެސް މޮޅުވެގެން ހަ ޕޮއިންޓާ އެކުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.