ދެދުވަސްތެރޭ ރާނީއަށް 70 ހާސް މީހުން އިހުތިރާމް އަދާ ކޮށްފައިވޭ

ދެދުވަސްތެރޭ ރާނީއަށް 70 ހާސް މީހުން އިހުތިރާމް އަދާ ކޮށްފައިވޭ

މިމަހުގެ 8 ވަނަ ދުވަހު އަވަހާރަވެފައިވާ އިނގިރޭސި ރާނީ ކުއީން އެލިޒަބަތު 2ގެ ސަންދޯއް ފާއިތުވި ދެދުވަހު ބޭއްވިފައި އޮތް ލަންޑަނުގެ ވެސްޓްމިންސްޓަރ ހޯލަށް ޒިޔާރަތްކޮށް، ފާއިތުވި ދެ ދުވަހުގެ ތެރޭގައު 70 ހާސް މީހުން އެކަމަނާއަށް އިހުތިރާމް އަދާ ކޮށްފިއެވެ.

މީގެ ތެރޭގައި އިނގިރޭސިވިލާތުގެ އެތައް ހާސް އާންމު ރައްޔިތުން ހިމެނޭއިރު، ދުނިޔޭގެ ގައުމުތަކުގެ އިސް ވެރީންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ދުނިޔޭގެ 100 ގައުމެއްގެ އެންމެ އިސްވެރިންގެ އިތުރުން 20 ގައުމަކުން ޝާހީ އާއިލާގެ އެންމެ އިސްބޭފުޅުން ހިމެނޭގޮތުން، 200 ގައުމަކުން 500 އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

މިއަދު ބޭއްވިގެންދިޔަ ރާނީގެ ޖަނާޒާގައި ބައިވެވަޑައިގަންނެވި އިއްޒަތްތެރިންގެ ތެރޭގައި، ކޮމަންވެތު ގައުމުތަކުގެ އެންމެ އިސް ވެރިނާންނާއި، ބަހުރެއިންގެ ވަލީއަހުދުއާއި، ގަތަރުގެ އަމީރުއާއި އޮމާންގެ ރަސްގެފާނު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން، ޖަޕާންގެ އެމްޕެރަރ ނަރުހީޓޯގެ ދެކަނބަލުންނާއި، އެމެރިކާގެ ރައީސް ޖޯބައިޑްންވެސް ރާނީގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށްޓަކާ އިނގިރޭސިވިލާތަށް ވަޑިގެންނެވިއެވެ.

ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުގެ ދެކަނބަލުންވެސް ވަނީ ރާނީގެ ޖަނާޒާއަށް އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.

ރާނީގެ ސަންދޯއް މިއަދު ހެނދުނު 11:00 އާއި ހަމައަށް ވެސްޓްމިންސްޓަރ ހޯލުގައި ބޭއްވިފައި އޮތްއިރު، ރާނީއަށް އިހުތިރާ އަދާކުރުމަށް ބޭނުންވާ މީހުން، ކިއުގައި ތިބި ގަޑިއިރު 24 ގަޑިއިރަށް ދިގުދެމިގެން ގޮސްފައި ވެއެވެ.

އިނގިރޭސިވިލާތުގެ ގަޑިން މިއަދު ހެނދު 11 އިން ފެށިގެން ކުރިޔަށްދާ ޖަނާޒާ އެންމެ ފުރަތަމަ ފެށިފައިވަނީ ވެސްޓެމިންސްޓަރ އަބޭއިންނެވެ. މިއީ ރާނީ ކައިވެނި ބައްލަވައިގެންނެވި ހަފްލާ ބޭއްވުނު އިމާރާތެވެ. އަދި އިނގިރޭސި ތަޚުތާއި އެކަމަނާ ހަވާލު ވެވަޑައިގެންނެވީވެސް މި އިމާރާތުގައެވެ.

ވެސްޓެމިންސްޓަރގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތަށްފަހު ރާނީގެ ސަންދޯއް އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ މަގުތަކުން ދަތުރުކޮށް ގެންދެވުނީ ވިންޑްސޯރ ކާސަލްއަށެވެ. މަގުތަކުން ރާނީގެ ސަންދޯއް ގެންދެވުނުއިރު، އެތައްހާސް އާންމު ރައްޔިތުން ރާނީއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށްޓަކާ މަގުތަކަށް އެއްވެ ތިއްބެވެ.

އެއަށްފަހު ރާނީގެ ސަންދޯއް ގެންދެވުނީ ވިންޑްސޯރ ކާސަލްގެ އެތެރޭގައި ހުންނަ އެސްޓީ ޖޯޖް ޗަޕެލް ފައްޅިއަށެވެ. ވިންޑްސޯރ ކާސަލްއަކީ ރާނީގެ ގޭގެ ގޮތުގައި ބައްލަވައިގެން އުޅުއްވި ތަނެވެ.

ވިންޑްސޯރ ކާސަލްގެ އެތެރޭގައި ހުންނަ އެސްޓީ ޖޯޖް ޗަޕެލް ފައްޅިއަކީ ކިންގ އެޑްވަޑް IVގެ ރަސްކަމުގައި 1475 ވަނަ އަހަރު ބިނާކުރަން ފެށުނު ފައްޅިއެކެވެ. އޭގެ 50 އަހަރު ފަހުން މި ފައްޅި ބިނާކޮށް ނިންމާފައިވަނީ ކިންގ ހެންރީ VIIIގެ ރަސްކަމުގައެވެ.

މިއީ ރާނީގެ ސަންދޯއް މިއަދު ކުރި ދަތުރުގެ އެންމެ ފަހުގެ މަންޒިލެވެ. މި ފައްޅީގައި ބޭއްވުނު އަޅުކަމަށްފަހު މިއަދުގެ ވަގުތެއްގައި ރާނީ ފަސްތާނު ލުމަށް ހަމަޖެހިފައިވަނީ، ފިރިކަލުން ޕްރިންސް ފިލިޕްގެ އަރިހުގައެވެ. ފަސްތާނުލާއިރު ތިއްބަވާނީ އެންމެ ގާތް އާއިލީ ބޭފުޅުން އެކަންޏެވެ.

ރާނީގެ ސަންދޯއް އެސްޓީ ޖޯޖް ޗަޕެލްއަށް ގެންދެވުނުއިރު ފަހަތުން ކިންގ ޗާރލްސްއައި އަނބިކަބަލުން ކެމިލާއާއި، ޕްރިންސް ވިލިއަމްގެ އިތުރުން ޕްރިންސް ހެރިވެސް ހިންގަވާފައި ވަޑައިގެންފައި ވެއެވެ.

ރާނީގެ ޖަނާޒާއަކީ 1965 ވަނަ އަހަރަށްފަހު އިނގިރޭސިވިލާތުގައި ބޭއްވުނު މިފަދަ ފުރަތަމަ ރަސްމިއްޔާތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.