މިނީ ބަހުގެ ދަތުރުތައް އިތުރު 2 ހަފްތާއަށް ހިލޭ

މިނީ ބަހުގެ ދަތުރުތައް އިތުރު 2 ހަފްތާއަށް ހިލޭ

މާލޭގައި މިނީ ބަހުގެ ޚިދުމަތް އިތުރު ދެ ހަފްތާއަށް ހިލޭ ދިނުމަށް މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީބުނެފައިވަނީ މިގޮތަށް ނިންމާފައިވަނީ ބަހުގެ ރޫޓްތަކާއި، ޓިކެޓް ނެގުމަށް އާއްމުން އިތުރަށް އަހުލުވެރިކުރުވަންކަމަށެވެ. ބަހުގެ ޚިދުމަތް މާލޭގައި ފެށީ މިމަހުގެ 5ވަނަ ދުވަހުއެވެ. އޭރު ސަރުކާރުން ނިންމާފައި އޮތީ ޚިދުމަތް ފަށާ ފުރަތަމަ ދެ ހަފްތާ، އެއްވެސް އަގަކާ ނުލާ ދަތުރުތައް ބޭއްވުމަށެވެ. އަދި ސެޕްޓެމްބަރު 19އިން ފެށިގެން ޚިދުމަތަށް އަގު ނަގަން ފެށުމަށެވެ.

އެމްޓީސީސީން ބުނެފައިވަނީ ކަމާގުޅުންހުރި ފަރާތްތަކުގެ މަޝްވަރާއާއެކު އިތުރު ދެ ހަފްތާއަށް ބަސް ދަތުރު ހިލޭ ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އަދި މިއީ މި ޚިދުމަތަށް އާއްމުން ހޭލުންތެރިކޮށް، ޓިކެޓް ނެގުމަށް ބޭނުންކުރާ އާރްޓީއެލް އެޕްލިކޭޝާނާއި، ޕޯޓަލްއަށް އާއްމުން ފަރިތަކުރުމަށް އިތުރަށް ވަގުތު ބޭނުންވާތީކަމަށެވެ. މާލޭގެ ބަސް ދަތުރުތަކުގެ އަގުގެ ގޮތުގައި ނެގުމަށް ސަރުކާރުން ނިންމާފައިވަނީ 7 ރުފިޔާއެވެ.

މިނީ ބަހުގެ އަގުތައް ސަރުކާރުން ކަނޑައަޅާފައިވަނީ އާއްމުންނަށް ވީހާވެސް ލުއިފަސޭހަވާނެގޮތަށް، ވީހާވެސް ކުޑަ އަގެއްގައެވެ. މިނީ ބަހުގެ ދަތުރެއްގެ އަގަކީ މާލެތެރޭގައި 7 ރުފިޔާއެވެ. މިއީ އާއްމުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. މާލޭތެރޭގައި ޓެކްސީ ދަތުރުކުރަނީ 30 ރުފިޔާއަށެވެ. 28 ރުފިޔާއަށް މިނީ ބަހުގެ 4 ދަތުރު ކުރެވެއެވެ. އަދި މިއީ ޔަގީންކަން އޮތް ދަތުރުފަތުރުގެ ނިޒާމެކެވެ.

ޚިދުމަތަށް ފަސޭހަކަމާއެކު ޓިކެޓް ނަގާނެގޮތްތަކަށް މީހުން އަހުލުވެރިކުރުވުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއްވެސް އެމްޓީސީސީން ވަނީ ފަށާފައެވެ. މިނީ ބަހުގެ ޚިދުމަތް ވެފައި މިވަނީ އާއްމުން ވަރަށް ބޮޑަށް ބަރޯސާވާ ޚިދުމަތަކަށެވެ. ބަހުގެ ޚިދުމަތުގެ ފުރަތަމަ ހަފްތާގައި އެކަނިވެސް، ބައި ލައްކައާ ގާތްކުރާ އަދަދަކަށް މީހުން ޚިދުމަތް ހޯދާފައިވެއެވެ. 65 އަހަރުން މަތީގެ މީހުންނާއި 3 އަހަރުން ދަށުގެ ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ސްކޫލް ކުދިންނަށް އެމްޓީސީސީގެ ބަސްދަތުރުތައް ހިލޭ ކުރެވޭނެއެވެ.

އާރްޓީއެލްގެ ޚިދުމަތް ދިނުމަށް 18 ބަސް އޮވެއެވެ. 3ރޫޓަކުން، 40އަށްވުރެ ގިނަ ސްޓޮޕަށް ބަސް މަޑުކުރެއެވެ. ބަސް ސްޓޮޕްތައް ހަދާފައިވަނީ މާލޭގެ ކޮންމެ ސަރަޙައްދަކުންވެސް 10މިނެޓުން ހިނގާލާފައި ދެވޭހާ ކައިރީގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *