ޔަންމާ އިންޖީނު ރާއްޖެއަށް ތައާރަފްކުރިތަ 50 އަހަރު ފުރުން ފާހަގަ ކޮށްފި

ޔަންމާ އިންޖީނު ރާއްޖެއަށް ތައާރަފްކުރިތަ 50 އަހަރު ފުރުން ފާހަގަ ކޮށްފި

ގުޅުންހުރި

ޔަންމާ އިން ރާއްޖޭއަށް ތައާރަފްކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިމަހުގެ އަށްވަނަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކެއޫޗީ މިދޯރީއެވެ. އަދި މި ހަފްލާގައި ޔަންމާ ޓެކްނޮލޮޖީސްގެ ޑައިރެކްޓަރު މަސާރޫ ހިރޮސޭ އާއި ޔަންމާ އޭޝިއާގެ މެނޭޖިން ޑިރެކްޓަރު ޖެކްސަން ޓާން އާއި ޔަންމާގެ އެހެނިހެން އިސް އޮފިޝަލުން ބައިވެރިވިއެވެ.

މި ހަފްލާގައި އާރްއެސްޑަބްލިއު ނުވަތަ އޮޑިފަހަރުގައި މަސް ފިނިކޮށް ތާޒާކޮށް ބަހައްޓައިދޭ ނިޒާމު ވަނީ ތައާރަފްކޮށްފައެވެ. ދިވެހި ސަރުކާރުގެ އިސްނެގުމުގެ ދަށުން ތައާރަފްކުރެވުނު މި ނިޒާމު ގާއިމުކުރުމަށް މަސްވެރިންނަށް ފައިސާގެ އެހީތެރިކަން ލިބިދެވޭނީ ފިޝަރީޒް މިނިސްޓްރީގެ ގްރާންޓް ޕްރޮގްރާމުގެ ދަށުންނެވެ. މި ނިޒާމުގެ ސަބަބުން މަސްވެރިންނަށް ބާނާ މަހުގެ ފެންވަރު ދަމަހައްޓައި، ރަނގަޅު އަގެއް ލިބި، އާމްދަނީ އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.

ރާއްޖޭގެ މަސްކަނޑުތަކުގައި ޔަންމާ އިންޖީނުގެ ދަތުރު ފެށުނީ 1974 ވަނަ އަހަރު "އުއްމީދު" ދޯނި ނަގިލި ނަގައި ދަތުރަށް ފެށި ދުވަހުންނެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ޔަންމާ އިންޖީނަކީ ދިވެހި މަސްވެރިންނާއި އޮޑިވެރިންގެ މެދުގައި އިތުބާރު ބޮޑު ނަމަކަށް ވެފައިވެއެވެ.

މިހާރު ރާއްޖޭގެ މަސްވެރި އުޅަނދުތަކުގެ 80 ޕަސެންޓަކީ ޔަންމާ އިންޖީނު އަޅާފައިވާ އުޅަނދުތަކެވެ. އަދި ރާއްޖޭގެ ބާޒާރުގައި އިންބޯޑު އިންޖީނުގެ 74 ޕަސެންޓް ހިއްސާ ކުރަނީ ޔަންމާއެވެ. އެމްޓީސީސީއިން މިހާތަނަށް 7000 އަށްވުރެ ގިނަ އިންޖީނާއި 800 އަށްވުރެ ގިނަ ޖެނެރޭޓަރު ވިއްކައި، ޚިދުމަތް ދީފައިވެއެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ހަފްލާގައި ވާހަކަދައްކަވަމުން، އިންޖީނު ގަތުމަށް އެދޭ ފަރާތްތަކަށް އިންޖީނު ލިބުމާ ދޭތެރޭ ހޭދަވާ ހަ މަހާއި ހަތް މަހުގެ މުއްދަތު ކުރުކޮށްދިނުމަށް ޔަންމާގެ އިސްވެރިންގެ އަރިހުގައި އެދިވަޑައިގަތެވެ. މިކަމަށް ޖަވާބު ދެއްވަމުން ޔަންމާގެ މެނޭޖިން ޑިރެކްޓަރު ޖެކްސަން ވިދާޅުވީ، މުއްދަތު ކުޑަކުރުމަށް ކުރެވެންހުރި މަސައްކަތްތައް ބައްލަވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ