ސްޕޭސްއެކްސް އާއި ޓެސްލާ ގުޅުވާލައިގެން ގާތްގަނޑަކަށް 3.5 ޓްރިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏެއް އުފެއްދުމުގެ ފުރުސަތަށް ބަލަމުން ގެންދާ ކަމަށް އީލޮން މަސްކް ހާމަކޮށްފިއެވެ. މި މާޖަރ ހިނގައިފިނަމަ، އެއީ ތާރީހުގައި ކޮށްފައިވާ އެންމެ ބޮޑު ކޯޕަރޭޓް މުއާމަލާތަށް ވާނެއެވެ.
އިއްޔެ ބޭއްވި ސްޕޭސްއެކްސްގެ މާލީ ނަތީޖާ ހާމަކުރުމުގެ ބައްދަލުވުމުގައި މަސްކް ވިދާޅުވީ، މި ހުށަހެޅުން ވަޒަންކުރުމަށް ދެ ކުންފުނިން ވެސް ޚާއްސަ ކޮމިޓީތައް އެކުލަވާލާފައިވާ ނަމަވެސް، އަދި ރަސްމީ އެއްބަސްވުމެއް ނުވާ ކަމަށެވެ. ހުށަހެޅުމެއް ތައްޔާރުވެއްޖެނަމަ އެއީ ޓެސްލާގެ ހިއްސާދާރުންގެ ވޯޓަށް ހުށަހަޅަންޖެހޭނެ ކަމެއް ކަމަށާއި، ފާސްވުމަށް މަދުވެގެން %50 ގެ ތާއީދު ބޭނުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭއައި، ރޮބޮޓިކްސް އަދި ހަކަތައިގެ ދާއިރާތަކުގައި ދެ ކުންފުނީގެ ލަނޑުދަނޑިތައް އެއްގޮތްވާތީ، ގުޅުވާލުމުން ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް މަސްކް ފާހަގަކުރެއްވިއެވެ. ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ މާހިރު ޖެރޭ ހަލެބްލިއަން ވެސް ވިދާޅުވީ، ޓެކްނޮލޮޖީ ހިއްސާކުރުމުގެ ފުރުސަތު އޮތުމުން މިއީ ބުއްދިވެރި ވިސްނުމެއް ކަމަށެވެ.
މި އިއުލާނާއެކު ސްޕޭސްއެކްސްގެ ހިއްސާގެ އަގު %8 އަށް ވުރެ މައްޗަށް ދިޔައިރު، ޓެސްލާގެ ހިއްސާގެ އަގު %1.8 އިތުރުވިއެވެ. މި ހަބަރު އައީ ސްޕޭސްއެކްސްއަށް ފުރަތަމަ ފަހަރަށް ކުއާޓަރެއްގެ ފައިދާ ލިބުނު ދުވަސްވަރުއެވެ. ޖުލައިން ސެޕްޓެމްބަރާ ހަމައަށް ކުންފުންޏަށް 4.4 ބިލިއަން ޑޮލަރުގެ ފައިދާ ލިބުނުއިރު، ކުރީ އަހަރުގެ މި މުއްދަތުގައި 1.05 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވިއެވެ. އޭއައި އާއި ސްޓާލިންކްގެ ވިޔަފާރި ފުޅާވުމަކީ މި ކުރިއެރުމުގެ މައިގަނޑު ސަބަބެވެ.
ސްޕޭސްއެކްސް އާއި އެކްސްއޭއައި މިދިޔަ ފެބްރުއަރީގައި އެއްކޮށްލައިގެން 1.25 ޓްރިލިއަން ޑޮލަރުގެ ކުންފުންޏެއް އުފެއްދުމަށްފަހު، މަސްކް މިހާރު ބަލަނީ އެއަށް ވުރެ ވެސް ބޮޑު މާޖަރަކަށެވެ.
ކޮމެންޓު ފޮނުވާ