މީގެކުރިން ޖެހި ކޮންމެ އިސްކުރެއް، މޮހޮރެއް ޖެހީ، މަރުކަޒީކޮށް ގުޑި ނުލެވޭވަރު ކުރުމަށް: ރައީސް

މީގެކުރިން ޖެހި ކޮންމެ އިސްކުރެއް، މޮހޮރެއް ޖެހީ، މަރުކަޒީކޮށް ގުޑި ނުލެވޭވަރު ކުރުމަށް: ރައީސް

Author
މުޙައްމަދު ޝަޒައިމް
11 ސެޕްޓެމްބަރ 2022 09:50
0

މީގެކުރިން ޖެހި ކޮންމެ އިސްކުރެއް، މޮހޮރެއް ޖެހީ، މަރުކަޒީކޮށް، ރަށްތަށް ގުޑި ނުލެވޭވަރު ކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ހައްދުން މަތީ ގައުމުގައި މިއަދު ފަށި "ވިއަވެތި" ކޮންފަރެންސް ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އަތްނުލެވޭ، ހަޤީގަތެއް ނެތް ހިލާއަމުދުން ދިމާނުވާ، ބިލާހެއް ނޫންކަމުގެ ޔަޤީންކަން، އެންމެންނަށްވެސް މިއަދު ލިބިފައިވާކަމަށެވެ.

މިކޮންފަރެންސް މިބޭއްވެނީ، ރާއްޖޭގެ އެންމެ ދެކުނަށް އަމާޒު ކުރެވިގެން ހައްދުންމަތީ ގަމުގައި ކަމަށާއި، އުތުރުން ދެކުނަށް، މުޅި ރާއްޖެ އޮތްދިގަށް ބެލިޔަސް، ވަރަށް ބޮޑު ތަފާތެއް މިހާރު ފެންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ތިމާގެ ދޮރުމަތިންނާއި، ތިމާ ގޭހުރި މަގުން އަދި އަމިއްލަ ރަށުންނާއި އަތޮޅުން، އަދި މުޅި ރާއްޖެއިންވެސް މިހާރު ފެންނަނީ މިބަދަލު ކަމަށް ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަކީ މިހާތަނަށް މުޅި ރާއްޖެއަށް ގެނެވޭ އެންމެ ބޮޑު އިދާރީ ބަދަލު. މިއިން އަތޮޅެއް، ރަށެއްގާ މީގެކުރިން ޖެހި ކޮންމެ އިސްކުރެއް، މޮހޮރެއް ޖެހީ، މަރުކަޒީކޮށް، މިރަށްތަށް ގުޑި ނުލެވޭވަރު ކުރުމަށް.

– ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު މިސަރުކާރުން ހިންގާ ކިތަންމެ ބޮޑު މަޝްރޫޢެއްކަމުގާ ވިޔަސް، އެއީ އެރަށަކަށްޓަކާ ކުރާކަމެއްކަމަށެވެ. ކަރަންޓެއް، މަގެއް، ބަނދަރެއް، ފެނެއް، ނަރުދަމާއެއް، އެއަރޕޯޓެއް ކަމުގާވިޔަސް، މީގާ ވަކިތަފާތެއް ނެތްކަމަށެވެ. މިހިންގާ ކޮންމެ ސިޔާސަތަކީ ރައްޔިތުން ވީއްލި، އުދުއްސައިގަނެވޭނެ ލާމަރުކަޒީ ޖަޒީރާ ރާއްޖޭގެ ތަރައްޤީކަމަށާއި، ބޭނުމަކީ ކޮންމެ ރައްޔިތަކަށްވެސް، އެރައްޔިތަކު އިޚްތިޔާރު ކުރާތަނެއްގާ އުފާފާގަތި ކަމުގާ ޢާއިލާ ބިނާކޮށް، ދިރިއުޅެވޭނެ މަގުފަހިކުރުންކަމަށެވެ.

އެރަށުގާ ނެތް، މިރަށުގާ ހުރި، ކިތަންމެ ފުރުޞަތަކާ ޚިދުމަތަކާ ވަޞީލަތެއް ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެބަހުރި. މީގެ ކޮންމެ ދެރަށެއް، RTL ގެ ޒަރިއްޔާއިން ދުވާލު ދެއިރު، ބައްދަލުވެ، ލާމެހި، މާރުވާން ފެށުމުން ލިބޭ ނަތީޖާ ތަފާތުވާނެ. އޭރުން އެވާގޮތަކީ، ދިރިދިރި ހިނގަ-ހިނގާ އޮތް އިޤްތިޞޯދެއްގެ ތަނަވަސްކަން، އެންމެނަށް ލިބުން.

– ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ ވިއަވަތިވެ، ދިރިއުޅުން ޖަޒީރާވެ، އުފާފާގަތި ކަމާ ބާއްޖަވެރި ޙަޔާތެއްގެ ނަޞީބު، ކޮންމެ ރަށެއްގެ ކޮންމެ ދިވެއްސަކަށްމެ ޙައްޤުކަމަށެވެ. ކުރާމަސައްކަތުގާ، މުޅި ޢުމުރު، އަވަދި ކުރަމުންދާ މީހާއަށް، ހައްޤު އުޖޫރަ ލިބެންޖެހޭ ކަމަށެވެ. ޒަމާނުއްސުރެ ނުވެ އޮތް މިނިމަމް ވޭޖް ކަނޑައެޅި – އެފައިސާ އަތަށް ލިބި، އޭގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް، ކުރިން ނުވި އެތަށް ރަނގަޅެއް ވެއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.